އުޒްބަކިސްތާނަށް ދިޔަ ދިވެހި ދަރިވަރެއްގެ އަތުން ޑްރޯން އެއް ފެނިގެން އެ ގައުމުގައި ހިފަހައްޓައިފިއެވެ.
މިއީ ކްލިކް ކޮލެޖުގެ ފަރާތުން ހުސްވި މަހުގެ 23 ވަނަ ދުވަހު ކުރި ސްޓަޑީ ޓުއާއެކެވެ. އަބޫދާބީގައި ޓްރާންސިޓްވުމަށް ފަހު ލެކްޗަރާއިންނާއެކު ޖުމްލަ 20 މީހުން މި ދަތުރު ގޮސްފައި ވާއިރު އެ ދަރިވަރު ހިފަހައްޓާފައިވަނީ ދަބަހުން ޑްރޯނެއް ފެނިގެންނެވެ.
އެ ދަރިވަރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުޒްބަކިސްތާނަށް ދިޔައިރު ޑްރޯން ނުގެންދެވޭކަން ނޭނގޭ ކަމަށާއި އެ ގައުމަށް އެތެރެވިއިރު ޑްރޯންގެ އިތުރުން ކެމެރާ ގެންދިއުމުގައިވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.
ހަމައެހެންމެ ޑްރޯން ގެންގުޅުން މަނާކަން އެނގުނީ ސައިޓްސީން އަކަށް ގޮސް އުޅެނިކޮށް ޓުއާ ގައިޑް ބުނުމުން ކަމަށްވެއެވެ. އަދި ޑްރޯން މެދުވެރިކޮށް އެ ގައުމުގެ އެއްވެސް މަންޒަރެއް ނަގާފައި ނުވާ ކަމަށް ދަރިވަރާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
އަދި ދަތުރު ނިންމާލުމަށްފަހު ހުސްވި މަހުގެ 30 ވަނަ ދުވަހު އެނބުރި ރާއްޖެ އަންނަން ފުރަން ގޮސް އުޅުނު ވަގުތު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހިފަހައްޓާ ޑްރޯން ބަލާފާސްކުރި ކަމަށްވެއެވެ. އެ ދަރިވަރު ހިފަހައްޓާފައިވާތާ 10 ދުވަސް ފާއިތުވިއިރު އެ ދަރިވަރާއެކު އެ ކޮލެޖުގެ ލެކްޗަރާއެއްވެސް ވަނީ އުޒްބަކިސްތާނުގައި މަޑުކޮށްފައެވެ.
މި މައްސަލަ ދަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ބަލަމުންނެވެ.