ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަކީ ދެކެވޭ ތޯތޯ ވާހަކައެއް ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު ދެކެމުން މިދާ ތަރައްގީގެ މައިގަނޑު އުސޫލު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އޭޓީއެމް ފެއާގެ ހަވާސާގައި ކުރިއަށް ގެންދިޔަ "މޯލްޑިވްސް މީޑިޔާ މީޓް" ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފައިސަލް ވިދާޅުވީ އިގުތިސާދީ ކުރިއެރުމާއި ތިމާވެށީގެ މަސްއޫލިއްޔަތާ ދެމެދު ބެލެންސް ހޯދުމުގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް އެއީ މުހިންމު ކަމެއް ކަމަށެވެ.
މި ހަވާސާގައި ފައިސަލް ގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ ފާތުމަތު ތައުފީގު (ކުޑީ) ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިދިޔުމުގެ އަސްލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބުރަ މަސައްކަތާއި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ތަރައްގީއަށް އިސްކަންދީގެން ސަރުކާރުން ދޭ އެއްބާރުލުން ކަމަށެވެ. ކުޑީ އިތުރަށް ވިދާޅުވީ މި ކަންކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ހަމަ މިގޮތުގައި ފަތުރުވެރިކަމުގެ މަންފާ ލިބޭނެކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
މޯލްޑިވްސް މީޑިޔާ މީޓް ކޮންފެރެންސަކީ މޭމަހުގެ 6 ވަނަ ދުވަހު ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ އަލް އައިން ސޫޓް ބީގައި ކުރިޔަށްދިޔަ ކޮންފެރެންސެކެވެ. މި ކޮންފެރެންސަކީ މެދުއިރުމަތީގެ މީޑިޔާގެ ނުފޫޒުގަދަ ފަރާތްތަކާއި ގުޅުންބަދަހިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ސީދާ އެފަރާތްތަކަށް ހިއްސާކޮށް މެދުއިރުމަތީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި އެމްއެމްޕީއާރުސީ އިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.