ތޮއް ޖެހިފައިވާ މާލޭގެ ހުޅަނގު ފަރާތުގައި ހެދި އިންޑަސްޓްރިއަލް ޒޯން ސާފުކުރުމަށްފަހު، ދެން ބޭނުންކުރާނީ، މާލޭގެ ޕާކިން މައްސަލައާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ އެސްއެސްޓީވީގެ 'އަދުގެ ސަފުޙާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މާލޭ އިންޑަސްޓްރިއަލް ޒޯން ހަޑިވެފައި އޮންނަތާ ވަރަށް ގިނަ ޒަމާންތަކެއްވެއްޖެ ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ތަކުރާރުކޮށް ލިބޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް އިތުރަށް ވިދާޅުވީ އެ ސަރަޙައްދަށް މަޑުކުރާ ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންކުރެވޭނެ ޓާމިނަލްތައް ގާއިމުކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އެމްޕީއެލްގެ ބައިވަރު ޚިދުމަތްތަކެއް ހޯދާ ވެހިކަލްތައް އިންޑަސްޓްރިއަލް ޒޯންގައި ގިނަ އަދަދަކަށް ޕާކުކޮށްފައި އެބަހުރި ކަމަށާއި، އެ ސަރަޙައްދު ސާފުކޮށް ތަރައްގީކުރެވެން އޮތީ އެ ވެހިކަލްތައް ނަގައިގެންކަމަށެވެ.
ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ހެދި "އިންޑަސްޓްރިއަލް ވިލެޖް" ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ބުނީ ސާފުކުރުމަށްފަހު ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި އެއީ، މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށެވެ. އިންޑަސްޓްރިއަލް ޒޯނަކީ އުދަ އަރާ ދުވަސްތަކުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރާ ސަރަަހައްދެކެވެ. އެތަނުގައި ހުންނަ އެކި ޒާތުގެ ކުނިތައް ލޮނާ އެކު ތަޣައްޔަރު ވެ ކުނި ވަހުން މުޅި ސަރަހައްދު އެއް ވަސް ވެފައިވާ ޒަމާންތަކެއް ވެސް މީގެ ކުރިން ވަނީ ގޮސްފައެވެ.