ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް (ސީވީއެފް) އިން ސްރީލަންކާގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި 120 މިލިޔަން ޑޮލަރު ދީފިއެވެ.

މެންބަރުންގެ ގޮތުގައި ގިނަ ގައުމުތަކެއް ހިމެނޭ ސީވީއެފް ގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އިންވެސްޓްމަންޓަކީ ލަންކާގެ ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭންގެ ދަށުން ލިބުނު ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ލަންކާގެ ދަނޑުވެރިކަމަށް އިންވެސްޓް ކުރާނީ ޕޯޗުގަލްގެ ނަޓީވާ ކެޕިޓަލް އިންނެވެ.

މި އިންވެސްޓްމެންޓްގެ ދަށުން ތިމާވެށި ރަނގަޅުކޮށް، ގްރީންހައުސް ގޭސް ބޭރުކުރުން ފަދަ ތަޣައްޔަރުކަން ކުޑަ ވަސީލަތަކަށް ދިޔުމަށް އެހީތެރިވެދޭނެއެވެ.

އެ އެއްބަސްވުމުގައި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ ސްޕެޝަލް އެޑްވައިޒަރު ރުވާން ވިޖެވަރުދަނާ އެވެ. އަދި ސީވީއެފްގެ ފަރާތުން ނަޝީދު ސޮއިކުރެއްވި އިރު ނަޓީވާ ކެޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ކާލޯސް ގޯމޭޒް އެވެ.

ސީވީއެފް އަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތައް ތަމްސީލު ކުރުމަށް އެ ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ސަރުކާރުތަކުގެ އެހެނިހެން ލީޑަރުން ބައިވެރިވެ ވަޑައިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ރާއްޖެ ހިމެނޭހެން 58 ގައުމަކުން ބައިވެރިވެގެން އުފައްދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.