ދިވެހިރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ފެބުރުވަރީ 9، 2022ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިހާރު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ޕްރޮޕޯޒަލް ބަލައިގަތުން ކުރިއަށް ދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޝަރުތު ހަމަވާ ކުންފުނިތަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ.