މިއަދުގެ ޖަލްސާގެ ކޯރަމް ކިރިޔާ ހަމަވެ، ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ފެށި ޖަލްސާ، އިތުރު މަސައްކަތެއް ނެތުމުން ބައިގަޑިއިރު ތެރޭ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން، މިއަދުގެ އެޖެންޑާ އަށް ތާވަލުކުރީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސްކުރުމަށް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ އަށް އިޒްރޭލުގެ ސިފައިން އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރުމެވެ.

ސަލީމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އަދި ގިނަ މީހުންގެ އާދޭސްތަކަށް ބެލުމެއް ނެތި އެ ގައުމުން ރަފާ އަށް އެރުމަށް ތައްޔާރުވަމުން އެތައް ބައެއްގެ ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ރަފާގައި މިހާރު ވެސް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ލައްކައަކަށް ވުރެ ގިނަ ފަލަސްތީނު މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށާއި މި އުދުވާނުގެ ސަބަބުން ރަފާގައި ގަތުލުއާންމެއް ހިނގައިފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ.

އެހެންވެ އިޒްރޭލުން ހިންގަން މި އުޅޭ ޖަރީމާ އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަން ހާމަކޮށް، އިޒްރޭލުގެ ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް، ސަލީމް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 23 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 22 މެންބަރުންގެ އިއްތިފާގުން މި މައްސަލައަށް ބަހުސްކުރަން ފާސްކުރި ނަމަވެސް، މި މައްސަލައަށް ބަހުސްކުރެއްވީ ސަލީމްގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދުގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އިތުރު މެންބަރަކު އެ މައްސަލައަށް ބަހުސްކުރުމަށް އެދިފައެއް ނުވެއެވެ.

ދެން އޮތީ ރޮޒައިނާ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމެވެ. އެ އިސްލާހަށް ބަހުސްކުރުމަށް މެންބަރަކު އެދިފައި ނުވުމުން މާދަމާ އަށް އެ މަސައްކަތް ތާވަލުކުރަން ނިންމައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޖަލްސާ ކުރުކޮށްލެއްވީއެވެ.