އިންޑިއާގެ ޖަރުކާންދުގެ މިނިސްޓަރު އަލަމްގިރި އާލަމްގެ ސެކްރެޓަރީ އާ ގުޅުން ހުރި ގެއަކުން 20 ކްރޯދް ރުޕީސް (2.3 މިލިއަން އެމެރިކާ ޑޮަލަރު) އަތުލައިގެންފިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އިންޑިއާގެ އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފެނުނު މި ފައިސާ އަކީ، ރަސްމީ އެއްވެސް އިދާރާއަކަށް (ބޭންކަކަށް) ޑިކްލެއާ ކޮށްފައި ވާ ފައިސާއެއް ނޫނެވެ.
މި ފެނުނު ފައިސާ ހުރީ ގޯނިގޯނީގައި ފޮރުވާފައި ކަމަށާއި ގުނުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާއިރު މިހާތަނަށް ގުނުނު ފައިސާގެ އަދަދު 20 ކްރޯޑަށް އަރާކަމަށް އިންޑިއާގެ ނޫސް އެޖެންސީ އޭއެންއައި އިން ބުނެއެވެ.
މި މައްސަލަ މިހާރު ސިޔާސީ ކޮށްފައި ވާ އިރު ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު އަދި މިހާރުވެ ބޮޑުވަޒީރު ނަރެންދަރް މޯދީ ވިދާޅުވީ، ފަރުބަދަ ފަރުބަދައަށް ޖަހާފައި ހުރި ފައިސާ ފެނިފައި ވާ އިރު އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ.
މި ފައިސާ ފެނުނު ޖަރުކާންދުގެ މިނިސްޓަރަކީ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ.
އިންޑިއާގައި މިހާރު ކުރިއަށް ދާ އާންމު އިންތިހާބުގައި ދެފަރާތުން އެއްބަޔަކު އަނެއްބަޔަކު ބަލިކުރަން ކެމްޕެއިންގެ އެކި އުކުޅުތައް ބޭނުން ކުރުމާއި އެއް ފަރާތުން އަނެއް ފަރާތެއްގެ ކެންޑިޑޭޓުންގެ ހުތުރު ފަސްބައި ހޯދާ ފަޅާއަރުވާލަމުން ގެންދާ އިރު މިއީ އެ ސިލްސިލާގެ ބޮޅެކެވެ.
މީގެ ކުރިން ކޮންގްރެސް އިން ވަނީ ބީޖޭޕީގެ ކޯލިޝަން ޕާޓުނަރެއްގެ އަދި މިހާރުވެސް އެމްޕީއެއް ހިންގާފައި ވާ ޖިންސީ ގޯނާއާ ގުޅޭ ބޮޑު މައްސަލައެއް ފާޅާއަރުވާލާފައެވެ. އެ މައްސަލައާ ގުޅިގެން އެ އެމްޕީ މިހާރު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ހަބަރުތައް ބުނާގޮތުން މި ފެނުނު ފައިސާގެ އަދަދު 30 ކްރޯޑަށް އަރާނެއެވެ. މިފައިސާ ފެނުނު އިތު ފޮރުވާފައި ހުރި ބައެއް ގަހަނާވެސް ފެނިފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިއީ މަނީ ލޯންޑަރިން އާ ގުޅޭ މައްސަލައެއް ކަމަށް ވާ އިރު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓުމަންޓު ހިމެނޭހެން ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މި މައްސަލަ ބަލަމުންނެވެ.