ފަލަސްތީނުގެ ހައްގުގައި އދ ގެ އާންމު މަޖިލީހުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްވި ތަގުރީރަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔަައިފިއެވެ.

އދ ގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ހައިދަރު ވިދާޅުވީ އދ މަޖިލީހުގެ ދާއިމީ މެންބަރުކަން ފަލަސްތީނަށް ދިނުމާ މެދު އޭޕްރީލް 18 ވަނަ ދުވަހު ނެގި ވީޓޯ ކުރީ އެންމެ ވޯޓަކުން ކަމަށާއި އެއީ ފަލަސްތީނުގެ ދެމިއޮތުމަށާއި އިންސާފު ލިބުމަށް ހުރަސް އެޅި ވޯޓު ކަމަށެވެ. އެހެން ކަމުން އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ހައިދަރު ވިދާޅުވީ މިއަދު އެންމެން އެއްވެ ތިބީ އެ ދުވަހުގެ ވީޓޯގެ ސަބަބުން ކަމަށެވެ.

ހައިދަރު ވިދާޅުވީ އދ މަޖިލީހުގައި ހިމެނޭ 193 ގައުމުގެ ތެރެއިން ހަމަ އެންމެ ގައުމަކާ ހެދި ފަލަސްތީނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓި, އިންސާފަށް ހުރަސް އެޅި, އަމިއްލަ ހައިސިއްޔަތު ލިބުމަށް ހުރަސް އެޅިގެން ދިޔަ ކަމަށާއި އެ 1 ވޯޓާ ހެދި އދ މަޖިލީސް އަނެއްކާވެސް ފެއިލް ވެއްޖެ ކަމަށެވެ. އަދި ހަމަ އެ ވީޓޯގެ ސަބަބުން އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލު އާންމު ހުއްޓުވުމަށް ވެސް ހުރަސް އެޅިއްޖެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ މިހާރު އެ ވާހަކަ ދައްކާއިރުވެސް އިޒްރޭލުން އެ ގެންދަނީ ފަލަސްތީނުގައި ގަތުލުއާންމު ހިންގަމުން ކަމަށާއި އިޒްރޭލުގެ ނުބައި ނުލަފާ އަމަލުތައް ލޯ ކުރިމަތީގައި ފެންނަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ބިމުން ބޮޑެތި ކައްވަޅުތައް ފެންނަމުން ދާ ކަމަށާއި ތުއްތު ދަރިން އަތްމައްޗަށް ލައިގެން ތިބި އާއިލާތައް ހުރި ހުރި ގޮތަށް ވަޅުލައިފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އދ ގެ އާންމު މަޖިލީހަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ކަންކަން ނޭނގޭ ކަމަށް ހެދިގެން އެ މަޖިލީހަށް ނުތިބެވޭނެ ކަމަށާއި އެގޮތުން އެތައް މިލިއަން ބަޔަކު ރަފާ އަށް ފައްސާލުމަށް ފަހު އިޒްރޭލުން ހިންގަން އުޅެނީ ގަލުތުއާންމެއްގެ ހުރިހާ ކުންނުތަކެއް ހަމަވާ އަމަލެއް ކަމަށެވެ.

އެހެން ކަމުން މިއީ ވީޓޯ އަށް އދ ގެ މަޖިލީހުން ނޫނެކޭ ބުނަންވީ ވަގުތުކަން ފާހަގަ ކުރައްވައި ހައިދަރު ވިދާޅުވީ ވީޓޯގެ ސަބަބުން އިޒްރޭލުން ހިންގާ ގަތުލުއާންމާއި ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ލައިސަންސް ދެވޭ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދަށް [ފަލަސްތީނަށް] ހަމަޖެހުން އަންނާނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާއި ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުމާއި 1948 ގެ ނަކްބާ ހަނގުރާމައިގައި ވަޒަނުން ބޭރުކުރި ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް އައުމުގެ ފުރުސަތު ދީގެން ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

އެ ބަޔާނަށްފަހު ހައިދަރު އެނބުރި ރާއްޖެ ވަޑައިގަތުމުން މިނިސްޓްރީއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީއިން ބުނީ އދ ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ހައިދަރު އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާ ފަލަސްތީނުގެ ހައްގުގައި އިއްވެވި ބަޔާނަށް ތަރުހީބު ދެއްވަވާ މިނިސްޓްރީގެ މުވައްޒަފުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.