މިހާތަނަށް ކުޑަ މައުލޫމާތެއް ލިބިފައި ވާ ހަނދުގެ އަނދިރި ފަރާތުން ސާމްޕަލް ނަގައި އެ ސާމްޕަލް ދުނިޔެއަށް ގެންނަން ޗައިނާއިން ފުރައިފިއެވެ.

މީހަކާ ނުލައި ދަތުރު ކުރާ ރޮކެޓް ހަނދަށް ދާން ނައްޓާލާފައި ވާ އިރު އޭގައި ޕާކިސްތާންގެ ސެޓެލައިޓް 'އައިކިއުބް ގަމަރް' ވެސް ގެންދެއެވެ. މިއީ ނިއުކްލިއާ ބާރު ލިބިފައިވާ ޕާކިސްތާނުގެ ސެޓެލައިޓެއް ހަނދުގެ މާހަލުއުލު ދެނެގަތުމަށް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މި ރޮކެޓުގައި ޕާކިސްތާންގެ އިތުރުން ފްރާންސް, އިޓަލީ އަދި ޔޫރަޕިއަން ސްޕޭސް އެޖެންސީން ފޮނުވާ ބައެއް އާލާތްތައްވެސް ގެންދެއެވެ.

ރޮކެޓު އުދުއްސާލިތަން ޕާކިސްތާންގެ ޓީވީތަކުން ލައިވްކޮށް ދައްކާފައި ވާ އިރު އެގައުމުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވީ މިއީ ޕާކިސްތާނައި ޗައިނާ އާ ދެމެދު އޮންނަ ގުޅުންތައް ބޯޜަދު ފަހަނައަޅާ މާ މައްޗަށް [ޖައްވަށް] ދިޔުން ކަމަށެވެ. ޕާކިސްތާންގެ ސެޓެލައިޓް 5 ދުވަހަށް ފަހު އޯބިޓަށް ދޫކޮށްލާނެއެވެ. އެއާއެކު މަދުވެގެން 6 މަސް ވާންދެން އެ ސެޓެލައިޓް ހަނދުގެ ވަށައިގެން ބުރު ޖަހާނެ ކަމަށާއި, އެ ދަތުރުގައި ފޮޓޯ އާއި ގިނަ މައުލޫމާތު އެއްކޮށް ބިމަށް ފޮނުވާނެ ކަމަށް ބުނެފައި ވެއެވެ.

ޗައިނާއިން ހަނދުގެ އަނދިރި ފަރާތަށް ފޮނުވާލި އުޅަނދު 48 ގަޑިއިރު ވަންދެން ހަނދުގެ ބިމުން 2 ކިލޯގްރާމު ހުންނަ ވަރުގެ ސާމްޕަލް ނެގުމަށް ފަހު އެ އުޅަނދުގެ ހަނދަށް ޖެއްސި ތަނަށް އެނބުރި އަންނާނެ ކަމަށާއި އެއާއެކު އުޅަނދު ބިމަށް ނައްޓާލުމަށްޓަކައި ދަތުރުފަށާނެ ކަމަށް ޗައިނާގެ ޖައްވާ ބެހޭ ހަބަރުތަކުން ބުނެއެވެ.

މިއީ ހަނދުގެ އަނދިރި ފަރާތުގެ ސާމްޕަލް ބިމަށް ގެންނަ ފުރަތަމަ ފަހަރެވެ. ޗައިނާ އަށް ވުރެ ކުރިން ހަނދުގެ އަނދިރި ފަރާތަށް އިންޑިއާ އިން ދިޔަ ނަމަވެސް އެމީހުންނަށް ސާމްޕަލް ނަގައިގެން ގެނައުމުގެ ކުޅަދާނަކަމެއް އަދި ނުލިބެއެވެ. އިންޑިއާގެ އުޅަނދުން ހަނދުގެ އަނދިރި ފަރާތުގެ ފޮޓޯތައް ނަގާ ތަހުލީލީ މަސައްކަތްތައް ކޮށް, ހަނދުގައި ހުރި މައުދަންގެ ބާވަތްތައް ދެނެގަނެ އެ މައުލޫމާތު ބިމަށް ފޮނުވާނެއެވެ.

ޗައިނާއިން ވެސް މީގެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ގޮސްފައި ވެއެވެ. ނަމަވެސް އެ ދަތުރަކީ މައުލޫމާތު އެއްކުރުމުގެ ދަތުރެއް ކަމުން ސާމްޕަލް ގެނެސްފައެއް ނުވެއެވެ.

ޗައިނާގެ އިތުރުން ހަނދަށް ދިޔަ ގައުމުތަކުގެ ތެރޭގައި އެމެރިކާ, ރަޝިއާ ހިމެނެއެވެ. އަދި ޖަޕާނާއި ފްރާންސް ފަދަ ގައުމުތަކުންވެސް ހަނދުގެ ސަތަހަ ދިރާސާ ކުރަން އުޅަނދުތައް ފޮނުވާފައި ވެއެވެ.