މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރު ދެމުންދާ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީ. ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނަށް ވެސް ވަނީ ކާކުކަން ނޭނގޭ މީހަކު/ބަޔަކު ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އަދި އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާއިރު މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިފަދަ އިންޒާރުތައްދީ ބިރުދައްކާ މައްސަލަތަށް ބްރޯޑްކޮމްއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއަދު އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ ބްރޯޑް ކާސްޓަރުންނާއި ނޫސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން އެދެވޭ ފިޔަވަޅު އެޅުމަށް ބްރޯޑްކޮމްއިން ވަނީ ގޮވާލާފައެވެ.