ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަނެއްކާވެސް އެ މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަންކޮށްފިއެވެ.

ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވި ފަހުމީ އެ މަގާމުގައި ހުންނެވި ދުވަސް ވަރު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރެއްވި ކަމުގެ ތުހުމަތުގައި، އޭރު އެ އެކޮމިޝަނުގެ މެންބަރުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ. ކޮމިޝަންތަކަށް އައްޔަން ކުރާ މެންބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވާއިރު އޭރު އޭނާ ވަކިކުރުމުން އެމައްސަލަ ސްޕްރީމް ކޯޓާ ހަމައަށް އުފުލި 2013 ވަނަ އެ ކޯޓުން ނިންމާފައި ވަނީ މަޖިލީހުން އޭނާ ވަކިކުރުމަށް ނިންމި ހުރިހާ އިޖުރާއަތު ތަކެއް ބާތިލް ކަމަށެވެ.

އޭގެ ދުވަސްތަކެއްގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ދެން ވަޑައިގަތީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑިޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމަށެވެ. ފަހުމީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި އޮއްވާ, އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް މި ސަރުކާރަށް އަމާޒުވުމާ ގުޅިގެން އޭނާ އެ މަގާމުން ވަކިކުރީ ނޮވެމްބަރު 24، 2023 ގައެވެ.

ފަހުމީ އަށް އަނެއްކާވެސް ފޮރިން މިނިސްޓްރީގެ އިސް މަގާމަށް ދީފައިވާއިރު، އޭނާއަށް ދީފައިވަނި ކޮން މަގާމެއްކަން އަދި ސާފުވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ އިދާރާއެއްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.