މިދިޔަ ސަރުކާރުން ވިއްކި ޑޮމެއިން ނަންބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަންބަރުތަކަކީ ސައްހަނޫން ނަންބަރުތަކެއް ކަމަށާއި، އެ ނަންބަރުތަކުގެ މައްސަލަ ކުރިއަށް އޮތް ހަތް މަހުގެ ތެރޭ ހައްލުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އާންމުން ވަޒީރުންނަށް ސުވާލުކުރުމަށް ފުރުސަތުދޭ 'އަހާ' ފޯރަމްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ތަފާތު މައްސަލަތަކާ ހުރެ ޑޮމެއިން ނަންބަރުތައް ވިއްކުން މިދިޔަ އޮގަސްޓް މަހު ކުރީ ސަރުކާރުން ހުއްޓާލީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ރައީސް އޮފީހުން އެންގުމުން ކަމަށާއި މި ސަރުކާރު ހަވާލުވުމަށް ފަހު ބެލިބެލުމުން ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ތިން ގޮތަކަށް ދިމާވެފައިވާ ކަން ފާހަގަކުރެވުނު ކަމަށެވެ. އެ ގޮތްތަކަކީ އަމީން ވިދާޅުވި ގޮތުގައި:

  • އުސޫލުގެ ތެރެއިން ޑޮމެއިން ނަންބަރު ނެގި މީހުންގެ ހިދުމަތްތައް ހުއްޓާލާފަ އޮތުން
  • ގާނޫނުން ލާޒިމްކުރާ އުސޫލުން ބޭރުން ޑޮމެއިންތައް ވިއްކާފަ ހުރުން
  • ޑޮމެއިން ނަންބަރު ޖަހައިގެން އަމިއްލަ އަށް ނަގައިގެން ހިދުމަތް ހޯދުން

"އެހެންވީމާ އަސްލުގަ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގަ ހިނގާފަ ހުރި ގޯސްތަކެއްގެ ސަބަބުން މި ހިސާބަށް މިކަންތައް ދިޔައީމާ މިދިޔަ ސަރުކާރުން ވެސް ޑޮމެއިންގެ ހިދުމަތް ހުއްޓާލެއްވީ."

"އެކަމަކު އަޅުގަނޑުމެން ސަރުކާރަށް އައިއްސަ އަޅުގަނޑުމެން ގަބޫލުކުރި އުސޫލަކީ ވަކި ބަޔަކު ގޯސްތަކެއް ހަދާފަ ހުއްޓަސް ރަނގަޅު ގަވައިދުތަކާއި އުސޫލުތަކާއި ގާނޫނުގެ ތެރެއިން އޮޕަރޭޓް ކުރަމުން ދިޔަ މީހުންނަށް ދޭންޖެހޭ ހިދުމަތެއް ހުއްޓާލެވިފަ އޮވެގެން ނުވާނެއޭ، އެހެންވީމާ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ފެއްޓި ކަމަކީ ޑޮމެއިންގެ ކްލެސިފިކޭޝަންސްތަކެއް ހަދަން ފެށީ،"

އަމީން ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ 1،400 އެއްހާ ޑޮމެއިންގެ ތެރެއިން ދެބައިކުޅަ އެއްބައި ޑޮމެއިން ނަންބަރު ސައްހަކަމަށާއި ބާކީ ނަންބަރުތައް ސައްހަނޫން ކަމަށެވެ.

އެކަމަކު ސައްހަނޫން ޑޮމެއިންތައް ދޫކޮށްފައި ވަނީ އެ ލިބުނު މީހުންނަށް އޮޅުވާލައިގެން ކަމަށާއި، އެ ގޯސް ހެދުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެފަދަ ބައެއް ޑޮމެއިންތައް ލިބުނު ފަރާތްތަކުން އެހެން ފަރާތްތަކަށް ޑޮމެއިންތައް ވިއްކާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭ ގާނޫނީ ނިޒާމުގެ ތެރެއިން ޑޮމެއިންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ސައްހަ ޑޮމެއިންތަކަށް އަލުން ހިދުމަތް ދޭން ފަށައި، ފަސޭހަ ނިޒާމެއްގެ ދަށުން ރިކޯޑުތަކާ އެކީ ގެނެސްގެން ސައްހަނޫން ޑޮމެއިންތައް ސައްހަ ޑޮމެއިންތަކަށް ބަދަލުކުރަން ފުރުސަތުދީ، އަމިއްލަ އަށް ހަދައިގެން އުޅޭ ނަންބަރުތައް ކެންސަލްކޮށް ސައްހަ ޑޮމެއިންތަކުގެ ލިސްޓެއް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އަމީން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭ ޑޮމެއިންތަކުގެ މައްސަލަތައް އެއްކޮށް ހައްލުކޮށް ނިންމުމެވެ.