ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައިގަނެ އެ އިސްލާހު އިތުރަށް ދިރާސާކުރުމަށްޓަކައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ފޮނުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގައެވެ.

މިއަދު އޮތީ އެ އިސްލާހާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމެވެ. އެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

ބިމާ ބެހޭ ގާނޫނަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ހަވާލުކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތަށް ހަވާލު ކުރަންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

މި އިސްލާހު ހުށަހެޅުއްވީ މީކާއީލް ވިދާޅުވި ގޮތުގައި، ބިންވެރިޔާގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމުކުރުމަށް ފަހު އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް، އެ ގޯތިތައް ހަވާލުކޮށްފައި ނުވާތީ، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދަދިނުމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އެ އިސްލާހު ހުށަހެޅުއްވީ އެފަދަ މައްސަލައެއް ތަކުރާރުވެގެން ނުދާނެކަން ކަށަވަރުކުރުމަށާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުމަށްޓަކައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހި އެހެނިހެން ބައެއް ބިލުތަކާއި ގަރާރުތައް:

  • ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިމުގެ ބިލު: 39 މެންބަރުންގެ އިއްތިފާގުން ބިލު ބަލައިގަނެ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަށް ބިލު ދިރާސާކުރުމަށް ވަނީ ފޮނުވާލައިފަ

  • ލ. ހިތަދު އާއި ކުނަހަންދޫ ކޯޒްވޭ އަކުން ގުޅުވާލުން އަވަސްކުރުމަށް ހުށަހެޅި ގަރާރު: 39 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ

  • ލ. ކުނަހަންދޫ އިންޖީނުގެއާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ އެ މަޝްރޫއުތައް އަވަސްކުރުމަށް ހުށަހެޅި ގަރާރު: 34 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ