ކުރިޔަށް އޮތް ދެ ހަފްތާއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދަތުރުފަތުރުކުރާ ފަރާތްތަތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ވަނީ އޭޕްރީލްގެ ފަހު ހަފްތާއިން ފެށިގެން މެއި މަހުގެ ފުރަތަމަ ދެ ހަފްތާއަށް ވެސް ވިއްސާރަ ކުރާނެކަމަށް ލާފަކޮށްފައެވެ. މި ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ކަމާއި ގުޅޭ އިދާރާތަކުން ވަނީ ސްކޫލު ބަންދާ ދިމާކޮށް ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ދުވަސްވަރަކަށްވާއިރު، މިއަދު ހެނދުނު 7:00 އިން ފެށިގެން 12:00 ހަމައަށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އިތުރަށް މެޓް އިން ބުނީ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށާއި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާޅުގެ އުސްމިން ފޫޓާއި ހަ ފޫޓާއި ދޭތެރޭގައި ހުންނާނެކަމަށް ލަފާކޮށްފައެވެ.