ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހިމެނޭ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 21:30 އާއި ހަމައަށެވެ.
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މެޓް އޮފީހުން މީގެ ކުރިން ނެރެފައި ވަނީ ހުދު ސަމާލެވެ. ނަމަވެސް ހުދު ސަމާލު ނެރުނުތާ 2 ގަޑިއިރުފަހުން މިވަނީ އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުމުގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.
ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.