ރައީސް އޮފީހަށް ނޫސްވެރިންގެ ފޯނު ވެއްދުން މަނާ ކުރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނެއް އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް އޮތުމަށްފަހު އެ މަގާމަށް ހީނާ ވަލީދު އައްޔަންކޮށް މިއަދު ވަނީ ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމަށް ނޫސްވެރިން ހާޒިރުވި ނަމަވެސް ފޯނު ވެއްދުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވެއެވެ. ނަމަވެސް ނޫސްވެރިންނަށް ދުރާލާ އެންގުމެއްނެތި ފޯނު ވެއްދުމަށް ހުރަސް އެޅުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރުމާއެކު ފަހުން ވަނީ އެ ފުރުސަތު ދީފައެވެ. އަދި ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން ނޫސްވެރިންނަށް ވަނީ އަންގާފައެވެ.

އެކަމާ ގުޅިގެން އެމްޖޭއިން ކަންބޮޑުވުންފާޅުކޮށް، މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމަށާއި ފޯނު ނުވެއްދުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ހަމައެހެންމެ މީގެ ކުރިންވެސް ރައީސް އޮފީހަށް ފޯނު ވެއްދޭ ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެ ފިޔަވަޅަކީ ސަލާމަތީ ޕްރޮޓޮކޯލްގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށާއި ކުރިއަށް ހުރި ޕްރެސް ބްރީފިންގް ތަކުގައި ނޫސްވެރިންގެ ފޯން ވެއްދޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހާ ހަވާލާދީ އެމްޖޭގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯން ވެއްދެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އުސޫލަށް ބަދަލު ގެނެސް ފޯނު ނުވެއްދޭނެ ކަމަަށް ނޫސްވެރިންނަށް އަންގާފައެވެ.