ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އެމްޑީޕީ ސަރުކާރުގައި ފާސްކޮށް ތަސްދީގުކުރި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށް މި ސަރުކާރުން އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
އެ އިސްލާހާއެކު ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގޭ ހާލަތްތަކުގެ ތެރޭގައި:
- ޓެރަރިޒަމުގެ ކުށް
- ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުން
- ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
- ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
- ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
- އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް އެކުލެވޭ ކުށް ހިމެނެއެވެ.
މި އިސްލާހުތަކާ ގުޅިގެން އެމްޖޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ، މިގޮތަށް ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި މިހާރުވެސް މަސްދަރު ހާމަކުރުމަށް ޝަރީއަތް މެދުވެރިކޮށް މަޖުބޫރުކުރުން ހިމަނާފައިވާ ހާލަތްތަކާއި އުސޫލުތައް ހުރީ ގާނޫނުއަސާސީގައި މި ތަސައްވަރުކުރާ ގޮތާ ހިލާފަށް ކަމަށާއި ގާނޫނު އެކުލަވާލާ އަމުރުކުރަން ފެށި އިރުވެސް އެ ކަންބޮޑުވުން އެމްޖޭއޭއިން ފާޅުކޮށްފައިވާނެ ކަމަށް ވެއެވެ.
"މި ޖަމިއްޔާއިން ވަކާލާތުކުރުމުން ދިޔަ ގޮތަށް މިފަދަ އަމުރެއް ނެރެންވާނީ ހައިކޯޓުގެ މަރުހަލާއިން ފެށިގެން ކަމަށް ހިމަނައި ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހުށަހެޅުމަކީ ރަނގަޅު ބަދަލެއް ކަމަށް މި ޖަމިއްޔާއިން ފާހަގަކުރަން. ނަމަވެސް އެ އިސްލާހާއެކު ސަރުކާރުން ދެން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ނަތީޖާއަކީ މިހާރަށް ވުރެ ވެސް ބޮޑަށް ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ އެ ހައްގު ހިފެހެއްޓިގެން ގޮސް މައުލޫމާތު ހޯދާ ލިބިގަތުމަގެ ހައްގު ވަރަށް ބޮޑަށް ހަނިވެ އެ ހައްގުތައް ބޭނުންކުރުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިދާނެ ފަދަ ހާލަތަކެއް އުފަންވުން" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.
އެގޮތުން އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ކަންކަމަކީ:
- ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި އާންމުކުރުމަކީ މަސްދަރު ހާމަކުރަން ޖެހޭ ހާލަތެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެކަމުގެ ސަބަބުން ތަހުގީގު ނޫސްވެރިކަން އަދި ވިސުލްބޯލް ކުރުން ފަދަ ކަންކަމަށް ހުއްޓުމެއް އަތުވެދާނެ
- ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ރޭވުމުގެ ކަންކަމާ ގުޅިގެން ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން
- ދައުވާ ރައްދުވާ ފަރާތަށް މަސްދަރު ހާމަކުރަން އެދެވޭ ގޮތަށް އޮތުން ގަބޫލެއް ނުކުރެވޭ. މަސްދަރު ހާމަކުރުމަކީ މުޅި ދައުލަތުގެ މަސްލަހަތުގައި ކުރާ ކަމަކަށްވާއިރު ދައުވާ ރައްދުވާ ފަރާތްތަކަށް މަސްދަރު ހާމަކުރަން އެދެވޭ ގޮތަށް ފުރުސަތު އޮތްނަމަ ކުށްކުރާ ގުރޫޕްތަކުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން މަސްދަރު ހާމަކުރަން އެދުން ފަދަ ކަންކަން ހިނގާފާނެ
އެހެންކަމުން މަސްދަރު ހާމަކުރަން ޖެހޭ ފަދަ ހާލަތަކަށް ވާންވާނީ ހަމައެކަނި އާންމުންގެ ފުރާނަ އާއި މުދަލަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނޭ ފަދަ ހާލަތެއްގައި ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ހަރުކަށި އުސޫލެއްގެ ތެރެއިން ކަމަށް ގަބޫލު ކުރާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ނޫސްވެރިކަމާ ގުޅޭ ގޮތުން މިފަދަ އިސްލާހުތަކެއް އަނެއްކާވެސް ސަރުކާރު ގާނޫނަކަށް ހުށަހެޅިގެންދިޔައިރު އެ ޖަމިއްޔާއާއި އަދި ނޫސްވެރިންނާވެސް މަޝްވަރާކޮށްފައި ނުވާތީ އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރުމުގެ މަރުހަލާގައި ފުޅާދާއިރާއެއްގައި އެ ޖަމިއްޔާ އާއި ނޫސްވެރިން އަދި މީޑިއާގެ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވަނީ ގޮވާލާފައެވެ.
އެމްޑީޕީ ސަރުކާރުގައި ހެއްކާއި ބެހޭ ގާނޫނު އެކުލަވާލި އިރު އޭރު ނޫސްވެރިންނާއި ޖަމިއްޔާތަކުން ވަނީ ގައުމީ ސަލާމަތް މާނަކޮށްފައި ނެތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތް މާނަކޮށްފައެއް ނުވެ އެވެ.
އަދި ހަމަ އެހެންމެ ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ކޯޓުން ކުރާ އަމުރާއި އެއްގޮތަށް މަސްދަރު ހާމަނުކޮށްފިނަމަ، އެ ނޫސްވެރިޔަކަށް ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތުވެސް އޮވެ އެވެ.
އެމްޑީޕީ ސަރުކާރުގައި ބިލު މަޖިލީހުން ފާސްކުރި ދުވަހު މަޖިލިސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ. އަދި، އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. އެ ޕެޓިޝަންގައި ޖުމުލަ 158 މީހަކު ސޮއިކުރި އެވެ.
