ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ހަތަރު ވަނަ ޖެނެރޭޝަން ފެށިގެން ކުރިއަށްދާއިރު މިހާރު ދައްކާ އެޕިސޯޑިތައް ޝައުގުވެރިއެވެ.
ސަމްރިދީ ޝުކްލާ (އަބީރާ ޝަރްމާ) އާއި ރޯހިތު ޕުރޯހިޓް (އަރްމާން) ކައިވެނިކުރީ އެއް އަހަރު ދުވަހުގެ މުހުލަތަކަށް ޑީލް ހަދައިގެން ކަން މުޅި އާއިލާ އަށް ފަޅާއަރައެވެ. އަބީރާ ދެކެ އިންތިހާ އަށް ނަފްރަތުކުރާ އަރްމާންގެ މާމަ ވަގުތުން އަބީރާ ގެއިން ނުކުތުމަށް އަމުރުކުރިއެވެ. މަންމައެއްގެ ލޯބިދިން އަރްމާންގެ މަންމަ އަބީރާ ދެކެ ރުޅިއައީ ދުވަސްތަކެއް ވަންދެން އެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމުންނެވެ. އަދި ދަރިފުޅުގެ ހަޔާތުން އެއް އަހަރު ބޭކާރު ގޮތުގައި ހޭދަކުރަން އަބީރާ އަށް ކެރުނީތީއެވެ. މާމަގެ އަމުރަށް އަބީރާ އެގެއިން ނުކުންނަން ތައްޔާރުވެއެވެ. އެކަމާ ހުރަސް އަޅަނީ އަރްމާންގެ ކޮއްކޮމެންނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެން އަބީރާ އާ ދޯޅުވެފައި ތިބި ވަރުން އެކަކުވެސް އަބީރާ ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އަބީރާ ގެއިން ނުނެރުމަށް އަރްމާން އޭނާގެ މާމަގާތު އާދޭސްކުރެއެވެ. ނަމަވެސް ގޮތުގައި ހިފަހައްޓާ މާމަ އަރްމާންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެއެވެ.
ދެން ވާނީ ކިހިނެއް؟
ޑްރާމާގައި އަބީރާ ޕޮއްޑަރު އާއިލާ ދިރިއުޅެމުން އަންނަ ގެއިން ނުކުމެއެވެ. އަދި ވަކިން އެހެން ތަނަކަށް ދެއެވެ. އަބީރާ ގެއިން ނުކުތުމާ ގުޅިގެން އެންމެ ހިތާމައެެއް ކުރިމަތިވީ އަރްމާންގެ ބައްޕަ އަށެވެ. ދެ ދުވަސްތެރޭގައި އެނބުރި ޕޮއްޑަރު އާއިލާ އަށް އަބީރާ ނުގެނެސްފި ކަމަށްވާނަމަ އެގެއިން އަރްމާންގެ ބައްޕަ ނުކުންނާނެކަން އިއުލާންކުރުމުން އެ އާއިލާއަށް ޝޮކެއް ލިބުނެވެ. އަބީރާ، އެކަނި މާއެކަނި އުޅުމުގެ ތެރޭގައި އޭނާ ނުރައްކަލެއްގެ ތެރެއަށް ވެއްޓުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މީހެއްގެ އެހީއަކާ ނުލާ އުޅެންޖެހުމުން އަބީރާ އަށް އުނދަގޫވެއެވެ.
ސުވާލަކީ އަބީރާ އެ ނުރައްކަލުގެ ތެރެއިން ސަލާމަތްކޮށްދޭން އަންނާނެބާވައެވެ؟ އަބީރާ ވަރިކޮށްލަން އަރްމާނަށް ކެރޭނެބާވައެވެ؟ އަރްމާން އާއި އަބީރާ އުމުރު ދުވަހަށް އެއްކޮށް އުޅޭނެބާވައެވެ؟
2012 ވަނަ އަަހަރު ފެށި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ އޭރު ލީޑު ތަރިއަކީ ހީނާ ހާން (އަކްޝަރާ) އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) ލީޑު ރޯލުން ފެނިގެންދިޔައިރު ފަހުގެ ޖެނެރޭޝަންގައި ނައިރާގެ ދަރިފުޅު ޕްރަނާލީ (އަކްޝަރާ) ލީޑު ރޯލުން ފެނިގެން ދިޔައެވެ. މިދިޔަ ނޮވެމްބަރު މަހު ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ) އާއެކުގައެވެ.