ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމުން، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް ހަލީލް ވިދާޅުވެފައިވެއެވެ.
ޗިކުންގުންޔާ ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ޗިކުންގުންޏާގެ އަލާމާތްތައް:
- ހުން އައުން
- ހުޅުހުޅުގައި ރިއްސުން
- ބޮލުގައި ރިއްސުން
- ބައެއް ހުޅުހުޅު ދުޅަވުން
- ކުދި ބިހިތަކެއް ނެގުން
- ބަނޑުގައި ރިއްސުމާއެކު މެއި ނުބައިކޮށް ހޮޑުލެވުން
މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެޓެމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވެ، އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ ލަފާ ދީފައެވެ. މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށް ކަމަށް އެ އެޖެންސީން ބުނެއެވެ.
ޗިކުންގުންޏާ ޖެހުމުން ރައްކާތެރިވުމަށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ.
ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.