ލ. ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މިނިސްޓަރު ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އަށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން އެކަން ފާހަގަކުރުމަށް ލ. އަތޮޅުގައި ބޭއްވި ހަރަކާތުގައި ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ގަން-ފޮނަދޫ ވެގެންދާނީ ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީ ވެފައި އޮތް 'ސިޓީ' އަށް ކަމަށެވެ،
ދެން އަންނަ ކައުންސިލް އިންތިހާބުގެ ކުރިން މި މަސައްކަތުގައި ކުލަ ޖެހުމަކީ ވަޒިރު އެންމެ ދެކެން ބޭނުންވާ އެއް ދުވަސްކަން ހާމަކުރައްވަމުން ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގަން-ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމާ ސިޓީ މެންބަރުންގެ އިންތިހާބު ކަމަށެވެ.
މި ސަރުކާރުން ލ.އޮތަޅަށް ހާއްސަ ޕްލޭނެއް އެބައޮތްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި "ވަން އައިލެންޑް" ކޮންސެޕްޓްގެ ހަތަރު ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ލީސް އެއްބަސްވުމުގައި މި ހަފުތާ ތެރޭގައި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ހޮސްޕިޓާތަކާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ، ކުޅިވަރު ކުޅެން ބޭނުންވާ ހާއްސަ ވަސީލަތްތައް މި ސަރުކާރުން ހޯދައިދޭނެކަމަށެވެ. އިތުރަށް ފައިސަލް ވިދާޅުވީ އަތޮޅުގެ އިގްތިސާދު މިހާރަށްވުރެ ހަރުދަނާކުރުމަށް ބޭނުންވާ އެކިވަސީލަތްތައް މި ސަރުކާރުން ހޯދައިދޭނެކަމަށެވެ.