'ޖަޒީރާ'ގެ ނަމުގައި ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ކުށްތައް ޕްރޮމޯޓުކޮށް ހިންގި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ހައްޔަރުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ހިންގަމުން ދިޔަ އެ ޓެލެގްރާމް ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ޗެނަލްތައް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ކުރީކޮޅު ފުލުހުން ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެއިން އެކަކަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ އަންހެން މީހާ ވަނީ އޭނާ ވަޒީފާއެއް އަދާކުރަމުންދާ ކަމަށް ބުނެ، ވީހާވެސް އަވަހަކަށް މައްސަލައިގެ ތަހްގީގު ނިންމައިދިނުމަށް އެދިފައެވެ. އެކަމަކު އެ މައްސަލަ ތަހްގީގުކުރަމުންދާ ފުލުހުންގެ އޮފިސަރު ވިދާޅުވީ، މައްސަލައިގެ ތަހްގީގު ނިމޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

މި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައާ ގުޅިގެން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ:

  • 'ޖަޒީރާ'ގެ ނަމުގައި ހިންގި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ވެސް 7،000 އެއްހާ މީހުން އެ ޗެނަލްތައް ފޮލޯކުރަމުން ދިޔަ ކަމަށް
  • ހަށިވިއްކުމުގެ ވިޔަފާރިއެއް ހިންގުމަށް ހާއްސަ ޓެކްސީއެއް ވެސް ބުކްކުރިކަން ފުލުހުންގެ ތަހްގީގުން ފާހަގަވި ކަމަށް