ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން އަންގާފައިވާ ކަމަށް ބުނެ، ދަރިވަރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މީޑިއާ އާ ހިއްސާކުރި ބަޔާނެއްގައި ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގެ ދަރިވަރުން ބުނީ، މެޑިސިން ސްކޫލުގައި ކިޔަވާ 200 އަށް ވުރެ ގިނަ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަށް އެންގީ މެޑިސިން ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދިނުމަށްޓަކައި އައިޖީއެމްއެޗާއި ޔުނިވާސިޓީ އާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ފަސް އަހަރު ބާކީ އޮއްވާ ކަމަށެވެ.
މެޑިސިން ސްކޫލުގެ ދަރިވަރުންގެ ފަރާތުން ބުނި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާއިން ދަރިވަރުން ނުކުންނަށް އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އަންނަ ހަފުތާއިން ފެށިގެން ތަން ހުސްކުރުމުގެ މަސައްކަތް ފަށަން ޖެހިދާނެ ކަމަށް ދަރިވަރުންނަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"މި ދެ ފަންގިފިލާގައި ލެބްތަކާ އެކު ހުންނަ އަށް ކިލާސްރޫމް ވެސް ބައެއް ފަހަރު ފުރިގެން ލޮބީތަކުގައި ވެސް އަންނަނީ ކިޔަވައިދެމުންނެވެ. ކަން މިހެން އޮއްވާ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތަށް ކިލާސްތައް ބަދަލުކުރަން ބުނި އިރު، އެ ތަނަކީ މިހާރުވެސް ތަން ފުރިގެން ގޮސް، ކިލާސްތައް ފުށުއަރަމުން އަންނަ ތަނެކެވެ." ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން އިތުރަށް ބުނީ:
- މެޑިސިން ސްކޫލުގައި މިވަގުތު ކިޔަވައިދެމުންދާ ހަތް ބެޗުގެ ތެރެއިން ފުރަތަމަ ބެޗު މި އަހަރުގެ ޖުލައި މަހު ދަސްވެނިވާ ކަމަށް
- ހަތް ބެޗުގެ ތެރެއިން ކޯހުގެ ތިންވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ ކޯސް އެކުލެވިފައިވާ ގޮތުން އައިޖީއެމްއެޗުގައި އަމަލީ ތަޖުރިބާ ފުރިހަމަކުރަމުން ކުލާހަށް ހާޒިރުވާ ދަރިވަރުން ކަމަށް
މި ނިންމުން ނިންމާފައި ވަނީ ދަރިވަރުންނަށް ކްލާސްތައް ނަގައިދޭނެ އެއްވެސް ތަނެއް ނުދައްކާ ކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދެމުން ދަނީ ޑިއުޓީކުރަމުންދާ އައިޖީއެމްއެޗްގެ އިސް ޑޮކްޓަރުން ކަމަށާއި، އެހެންވެ މި ނިންމުމުގެ ސަބަބުން ދަރިވަރުންނަށާއި ދަރިވަރުންނަށް ކިޔަވައިދެމުންދާ ޑޮކްޓަރުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް، ދަރިވަރުންގެ ފަރާތުން ބުންޏެވެ.
ދަރިވަރުން ބުނި ގޮތުގައި 2018 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލުގެ އަށްވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ ހިންގުމަށް ގައުމީ ޔުނިވާސިޓީ އަށް ދޫކޮށްފައި ވަނީ މެޑިސިން ސްކޫލް ހިންގުމަށް ޓީޗިން ހޮސްޕިޓަލެއް ގާއިމްކުރެވެން ދެނެވެ.
[ދަރުމަވަންތަ ހޮސްޕިޓަލުގެ] އަށްވަނަ އަދި 14 ވަނަ ފަންގިފިލާ އަކީ ބޮޑު ދެ ބެލްކަނީ ވެސް އެކުލެވިފައިވާ ތަންތަނަށް ވުމުން، އެތަނުގެ ސީއީއޯގެ ކެބިން ހަދަން އުޅޭ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެތަނުގައި އިވެންޓް ހޯލެއް ހަދައިގެން އިތުރު މަންފާތަކެއް ހޯދުމަށް އުޅޭކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. މި 200 ދަރިވަރުންނަށް ރާއްޖޭގެ ޕައިލެޓް ސްކޫލަށް ޖެހުނު ހާލު ޖެހޭކަށް އަޅުގަނޑުމެން މިތިބީ ދޫ ދޭގޮތަކަށް ނޫނެވެ." ބަޔާން ނިންމާލަމުން މެޑިސިން ސްކޫލުގެ ދަރިވަރުން ބުންޏެވެ.
'ދަ ޕްރެސް' އާ ވާހަކަދެއްކި ދަރިވަރަކު ބުނީ، މިކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ މެނޭޖްމެންޓާ އެކު ދަރިވަރުން ބައްދަލުކުރުމުން، މިހާރު ބިންގާ އަޅާފައިވާ މެޑިކަލް ސްކޫލުގެ އިމާރާތުގެ މަސައްކަތް ނިމެންދެން އިތުރު ތިން އަހަރު މެޑިސިން ސްކޫލުގެ ދަރިވަރުން ބައިތިއްބައިދޭން ޔުނިވާސިޓީން އެދުނު ކަމަށް ޔުނިވާސިޓީން ބުނި ކަމަށެވެ.
ނަމަވެސް ސަރުކާރުން އެކަމަށް އެއްބަސްނުވި ކަމަށް ޔުނިވާސިޓީން ބުނި ކަމަށް ވެސް، ދަރިވަރު ކިޔައިދިނެވެ.
"ދެން އެ މީހުން [ޔުނިވާސިޓީން] ބުނަނީ ސަރުކާރުގެ ބައެކޭ އެމްއެންޔޫ އަކީ، ސަރުކާރަކާ ދެކޮޅަކަށް އެމްއެންޔޫ އަކަށް ނުކުރެވޭނެޔޭ ކަމެއް، ދެން މި ބުނަނީ އިތުރު ގޮތްގޮތް ހޯދަދޭނަމޭ،" އޭނާ ކިޔައިދިނެވެ.
ގައުމީ ޔުނިވާސިޓީގެ ބަސް:
ދަރިވަރުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު އެ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ.
ރަސްމީ 'އެކްސް' އެކައުންޓުގައި މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ޔުނިވާސިޓީން ބުނީ، މެޑިކަލް ސްކޫލުގެ ކިޔެވުން ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށާއި، އާންމުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު، މައި ކެމްޕަހުގައި ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ.
ޔުނިވާސިޓީން ބުނި ގޮތުގައި، ދަރިވަރުންނަށް ލިބިދޭން ޖެހޭ އަމަލީ ތަޖުރިބާ ދަރުމަވަންތަ ހޮސްޕިޓަލުން މިހާރެކޭ އެއްގޮތަށް ފޯރުކޮށްދެމުން ދާނެއެވެ. އަދި މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން ވެސް ޔުނިވާސިޓީން ފާހަގަކުރިއެވެ.
އަދި ޔުނިވާސިޓީން ކަންކަން އިންތިޒާމުކުރުމުގައި އަބަ ދުވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް ޔުނިވާސިޓީގެ ފެންވަރު ހިފެހެއްޓުމަށާއި ދަރިވަރުންގެ ރައްކާތެރިކަމާއި ހެވާ ލާބަ އަށް އިސްކަންދޭނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ހޮސްޕިޓަލު އެޅުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގައެވެ. ނަމަވެސް ހުޅުމާލޭގައި އިމާރާތްކުރާ އެ ސްކޫލުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ.