ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށާހެޅުއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިންއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑރ. މުހައްމަދު ޒާހިރު ހުސައިނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި މިންނަތް މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައި ދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްތަކަކީ ވެސް، ތައުރީފު ހައްގު މަސައްކަތްތަކެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޒާހިރު ހުސައިން ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ހިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށއ ވިދާޅުވެ، މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފް ކުރެއްވިއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޒާހިރު ހުސައިން ދައުލަތަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެ ބޭފުޅާއަށް ހާއްސަ ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެރުއްވިއެވެ.
މި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައްޔާއި އަދި އޭގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތައުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލައްވާފައި ވެއެވެ. އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތައުލީމުގެ މަޝްރޫއު ހިންގެވުމުގައްޔާއި، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާ ކުރެއްވުމުގައި އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޒާހިރު ހުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާއަށް ދައުލަތުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައި ވަނީ ނޮވެންބަރު 10، 2008 ގައެވެ.
އަދި ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައި ވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
