ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްދީފިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ރަޖިސްޓްރީކުރިކަމުގެ ލިޔުން 'އެކްސް'ގައި ހިއްސާކުރައްވައި އެ ޕާޓީގެ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ ވަޒީރު މުހައްމަދު މަލީހު ޖަމާލު ލިޔުއްވި ގޮތުގައި، އެ ޕާޓީ ކިތަންމެ ދައްޗަކާ އެކީ އުފަންކުރަން ޖެހުނު ނަމަވެސް، ޕާޓީ ދާނީ ކުރިޔަށް ވަރުގަދަކޮށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ސޮއިކުރެއްވި ލިޔުމުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ރަޖިސްޓްރީކުރީ މިއަދު، ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެރޭ ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި އެ ރޭ 10 ޖަހާއިރަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޣިޔާސުއްދީން ސްކޫލުން އެދިގެން ފުލުހުން ހުރަސް އެޅުމުން، އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ އެންމެ ފަހުން ބަދަލުކުރީ ރާޅުގަނޑު ސަރަހައްދަށެވެ.
އެންމެ ފަހުން ދަންވަރު ޕީއެންއެފް ރަޖިސްޓްރީކުރުމުގެ ޖަލްސާ ބާއްވައި، އެ ޕާޓީގެ ނިޝާނާއި ކުލަ އާއި ޕާޓީގެ އިދާރާ އާއި އަސާސީ ގަވައިދު ފާސްކޮށް، 20 މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ސެނެޓެއް ހޮވާފައިވެއެވެ.
އެގޮތުން ޕީއެންއެފްގެ ރައީސްކަމަށް ޒެއިން ހޮވައި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މަލީހު، އަދި ޚަޒާންދާރަކަށް ޔާމީންގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަނީ ހޮވައިފައެވެ. މި ތިން ބޭފުޅުންގެ އިތުރުން ޕީއެންއެފްގެ ވަގުތީ ސެނެޓުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.