ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ބައިވެރިވުމުގެ ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޖަލަށް ލުމަށް އަދި ދެން ތިބި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ، 2017 ވަނަ އަހަރުގެ ތެރޭގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިންގި މާރާމާރީއެކެވެ. މި މައްސަލައިގައި މަރުގެ ދައުވާ އުފުލީ އދ. މާމިގިލީ, ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާއަށް ކުށް ސާބިތު ނުވާ ކަމަށް ޖެނުއަރީ މަހު ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.

ދައުލަތުން ވަނީ މި މައްސަލަ ސާބިތުކުރުމަށް ވީޑިއޯ ފޫޓޭޖްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ ވީޑިއޯ ފޫޓެޖްގައި ފެންނަނީ ސައްމާހު ކަމާއިމެދު ސުވާލު އުފެދުމުގެ ޖާގަ އެބައޮތްކަމަށާއި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެކަމާ ސަައްމާހުއާ ގުޅުވައިދޭން ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައިވެއެވެ.

މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލި ތިން މީހުންގެ ބައިންނެވެ. މި ދައުވާތައް އުފުލީ، ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން، ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމްކުރެއްވީ އެ ތިން މީހުންގެ ތެރެއިން ދައުވާ ސާބިތުވަނީ އަލީ ހަސަންގެ މައްޗަށް އެކަނި ކަމަށެވެ. އެހެންވެ އަލީ ހަސަން 15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ. މި މައްސަލާގައި އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހެނީ އަށް އަހަރާއި ހަ މަހާއި އެއް ދުވަހުގެ މުއްދަތެކެވެ.