ހުސްވި މާޗް މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި އެކި ފަރާތްތަކަށް 850،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

މިއަދު އެ އިދާރާއިން ނެރުނު ތަފާސް ހިސާބުތަށް ދައްކާ ގޮތުން ހުސްވި މާޗް މަހު އެހީގެ ގޮތުގައި ޖުމްލަ 878،682.88 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަަކީ 685،026.16 ރުފިޔާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަގީރުންނަށާއި މިސްކީނުންނަށެވެ. 190،822.50 ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީ ދީފައިވާއިރު ދެވަނައަަށް އެންމެ ގިނައިން އެހީ ދީފައިވަނީ ސިކުނޑީގެ އޮޕަރޭޝަން ތަކަށެވެ. އެއީ 180،407.19 ރުފިޔާއެވެ.

އަދި އެކި ގުނަވަންތައް ޓްރާންސްޕްލާންޓު ކުރުމަށް 25،443 ރުފިޔާގެ އެހީ ދީފައިވާއިރު ހިތުގެ އޮޕަރޭޝަން އަށްވަނީ 8،481 ރުފިޔާގެ އެހީ ދީފައެވެ. އަދި އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޖުމްލަ 279،872.50 ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުންވެސް އެހެނިހެން ޒަރޫރީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި 17،207.65 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ސްކޮލާޝިޕް ފަދަ އެހެނިހެން ހަރަދުގެ ގޮތުގައި 44،563.80 ރުފިޔާ ވަނީ ޒަކާތު ހައުސް އިން ހަރަދުކޮށްފައެވެ. ހަމައެހެންމެ އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އަދި ރާއްޖޭގެ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހި އެހާލަތުން ސަލާމަތްވުމަށް 248،604 ރުފިޔާ ވަނީ ޒަކާތު ހައުސްއިން ހަމަޖައްސާފައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ މިިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.