ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގައި އެ ސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރުންނަށް މެޑަމް ސާޖިދާ ވަނީ ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ އެސްކޫލުން ގުރުއާނުގެ ފުރަތަމަ 2 ފޮތް އަދި 1 ފޮތް ހިތުދަސްކުރި ޖުމްލަ 38 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މިއަހަރު 210 ދަރިވަރުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ވަނީ ހާސިލުކޮށްފައިވެއެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭއިރު އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މި ސުކޫލުގައި މިވަގުތު 1006 ކުދިން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.

2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރު މަހުގައި ދިނުމަށާއި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ދިރާސީ އާ އަހަރު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިބަދަލާއެކު ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ކަމަށާއި މިކަން ކުރަނީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ސަރުކާރުން ބުނެއެވެ.