ސްޓްރާޑާ ކުންފުނިން ސިނަމާލެ ބްރިޖް ބަލާ ސަރަހައްދުގައި ނިއުޕޯޓް ވިއު ރެސްޓޯރަންޓު ހިންގި ބިން ދައުލަތުން އަތުލުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
ނިއުޕޯޓް ވިއު ހިންގި ސްޓްރާޑާ އަށް ބްރިޖް ބަލާ ޕްލެޓްފޯމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ދޫކޮށްފައި ވަނިކޮށް، ނިމިދިޔަ ސަރުކާރުން ވަނީ ޔާމީންގެ ސަރުކާރުގައި ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ސްޓްރާޑާ ކުންފުނީގެ އަތުން ބިން ނަގައިފައެވެ.
އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.15 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސެޕްޓެމްބަރު 26، 2019 ގައި އެ ކޯޓުން ހުކުމްކުރީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކޮށް ދައުލަތަށް އެ ތަން ހަވާލުކުރުމަށާއި، 30 ދުވަހުގެ ތެރޭ 1.15 މިލިއަން ރުފިޔާ ދައްކައި ނިންމުމަށެވެ.
ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޮކްޓޯބަރު 11، 2021 ގައި އެ ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
އެންމެ ފަހުން ސްޓްރާޑާ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލައި ނިންމައި މިއަދު އިއްވި ހުކުމުގައި އެ ކޯޓުން ބުނީ، ދައުލަތާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައިނުވާ ކަމަށް ސްޓްރާޑާ ކުންފުނީގެ ބަހުން އެނގޭ ކަމަށާއި، އެ އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ސްޓްރާޑާ އަށް ދޫކުރި ބިމުން ބައެއް ދައުލަތުން ނަގާފައިވާތީ ދައުލަތުން އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އެ ބަދަލު ނަގައިދެވޭނެ ހަމައެއް ނުދެއްކޭ ކަމަށެވެ.
އެހެންވެ، ހައި ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކުރައްވައިފައެވެ.
އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.