ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހު މޫސާ ޖަމީލް ދީދީ އަވަހާރަވުމުން ޕީއެންސީގެ ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.
އެކަމާ ގުޅިގެން ޕީއެންސީއިން ބުނީ ޝާހިދުގެ ބައްޕާފުޅު އަވަހާރަވި ހަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށެވެ.
ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ ކޯލިޝަނުގެ ލީޑާޝިފާއި ސެނެޓަރުންނާއި ޕީޖީ ގްރޫޕް މެންބަރުންނާއި އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ މެންބަރުންގެ ނަމުގައި ޕީއެންސީއިން ވަނީ ތައުޒިޔާ ކިޔާފައެވެ.
އުމުރުފުޅުން 88 އަހަރުގައި މޫސާ ޖަމީލް އަވަހާރަ ވި އިރު މިފަހުން އުޅުއްވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދެމުގައެވެ. އަވަހާރަ ވީ އޭޑީކޭއިން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ދީނީ އަދި ޝަރުއީ ދާއިރާއިން ގައުމަށް ހިދުމަތް ކުރެއްވި މޫސާ ޖަމީލް އަކީ މަރުހޫމް އުސްތާޒު މުހައްމަދު ޖަމީލް ދީދީގެ އެއްބައްޕާފުޅު ކޮއްކޯފުޅެވެ. ބައްފާފުޅުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ބޮޑުބޭބޭފުޅަކީ ހުސައިން ސަލާހުއްދީންއެވެ.
ފަނޑިޔާރުކަން ވެސް ކުރައްވާފައި ވާ މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޓީޗަރެއްގެ ގޮތުގައެވެ. މުސާ ޖަމީލް އަވަހާރަ ވި އިރު އަނބިކަނބަލުން މައުމޫނާ ވަޖީހު އާއި 3 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
މޫސާ ޖަމީލް އަވަހާރަ ވުމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުފައެވެ. އަދި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތައުޒިޔާ ރައްދުކުރަމުން ދާކަމަށް ވެސް ފާހަގަ ކޮށްލަމެކެވެ.