ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ރަނގަޅަށް ބައްލަވާފައި ކަމަށާއި މިހާތަނަށް ޖެއްސެވި ސިޔާސީ ހުރިހާ ހިސާބެއް ދިމާނުވެ ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ބައްލަވާފައި ކަމަށާއި އެއީ އޯޑިއަންސް ހިތްހަމަޖައްސަން ނުވަތަ ނޫސްވެރިޔާއަށް ޖަވާބެއް ދެއްވަން ވިދާޅުވާ އެއްޗެއް ނޫންކަމަށެވެ.
އަލަށް އިންތިހާބު ވި ރައްޔިތުންގެ މަޖިލީހަކީ، ފާއިތުވި މަޖިލިސްތަކާ ތަފާތު މަޖިލީހެއްކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ހެދުމާ އަދި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބި ނުހިފެހެއްޓުނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އެންމެ ބޮޑު އިތުބާރަކީ، އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިނުގަތުން ކަމަށެވެ. އަދި މެޖޯރިޓީ ނުހިފެހެއްޓިގެން ކުރީގެ ވެރިކަމުގައި ކަންތައްތައް ދިޔަގޮތަށް މި ވެރިކަން ނުދާނެކަމުގެ ޔަގީން އެބައޮތް ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އަލަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން މީގެ ކުރީގެ ދައުރުތަކުގައި ވެސް ކުރެއްވި ސީނިއާ ބޭފުޅުން އެބަތިއްބެވި ކަމަށާ އެހެންކަމުން އެބޭފުޅުންގެ ތަޖުރިބާއާއެކު ދިވެހި ރައްޔިތުން ދިން މެޖޯރިޓީ ހިފަހައްޓައިގެން މިދައުރު ފުރިހަމަ ކުރާނެ ކަމަށެވެ.