ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީއަށް 2 ޖެނަރޭޓަރު ގެންގޮސްފިއެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކިލޯވޮޓުގެ 2 ޖަނަރޭޓަރު ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓް މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯއިން ވަނީ މީގެކުރިން ބުނެފައެވެ. އެ ރަށުގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާ އޭޕްރީލް 14 ވަނަ ދުވަހު ވަނީ މުޅި ރަށުން ކަރަންޓު ގޮސްފައެވެ. ނަމަވެސް އެދުވަހު ސްޓެލްކޯގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް މައްސަލަ ހައްލުކޮށް އެ ރޭ މުޅި ރަށަށް ވަނީ ކަރަންޓު ދީފައެވެ.

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިން އަންނަނީ އެ ރަށުގެ އެކި ހިސާބުތަކުން 1 ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ. އެގޮތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ސަރަހައްދާއި ގަޑި ހިމެނޭ ތާވަލެއް ކުޅުދުއްފުށީ ފެނަކަ ބްރާންޗްއިން ކޮންމެ ދުވަހަކު ވެސް އާންމު ކުރެއެވެ.