ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲ ދީދީ (ޑީޑީ) ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ.

އަބްދުﷲ ދީދީ އައްޔަން ކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރިއިރު، އޭނާއާ ގުޅޭ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެބަ އޮތެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު، އަބްދުﷲ ދީދީއަށްވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.

މި ތުހުމަތުތަކާއި ގުޅިގެން އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އިއްތިފާގުންނެވެ. އަދި ސްޕްރީމް ކޯޓުގެ އިތުރުން ކުރިން ކްރިމިނަލް ކޯޓާ އަދި ހައި ކޯޓުގައިވެސް މަސައްކަތް ކުރެއްވި އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.

އަބްދުﷲ ދީދީ އަކީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.