ސިޔާސީ ފިކުރު އެއްކިބާކޮށް ގައުމުގެ ތަރައްގީއަށް ހުރިހާ ސިޔާސީ ވެރިން އަތުގުޅާލައިގެން މަސައްކަތް ކުރެއްވުމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު އެއްވުމުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާ ކުރައްވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް މަސް ދުވަސް ތެރޭގައި އުނދަގުލުން ނަމަވެސް ކަންކަމުގެ ނަތީޖާ ނެރެވުނު ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތްތާނގައި ރައްޔިތުން ނެރެދެއްވި ނަތީޖާގެ ބޭނުންކޮށް ވޭތުވެދިޔަ ފަސް މަހުގެ ނެރެވުނު ނަތީޖާއަށްވުރެ އެތައް ގުނައެއް ސްޕީޑް އަވަސްކޮށް ދިވެހިން އެދޭ ފަދަ ތަރައްގީގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، މަޖިލީސް މެންބަރުންނަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ އެބޭފުޅުން 24 ގަޑ އިރު އުޅެން ޖެހޭނީ ނުނިދާ ހޭލާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައް. މި ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫން ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާއޭ" ރައީސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ހިޔާލު ތަފާތުވުންތައް ދޫކޮށްލުމަށް ނަސޭހަތްތެރިވެ ރައީސް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ވެރިންނަށް ގޮވާލެއްވީ ގައުމުގެ ތަރައްގީއަށް އަތުުކުރި އޮޅާލާ އެންމެން އެކުއެކީ ކުރިއަށް ދިއުމަށެވެ. އަދި އެކަމުގެ ސަބަބުން އެންމެ އުފާވެރިކަމާ ހިތްހަމަޖެހުން ލިބިގެންދާނީ ގައުމުގެ ރައްޔިތުންނަށް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ކޮންމެ މީހަކީވެސް އެމަނިކުފާނުގެ ކުރިމަތިފުޅުގާ ހަމަހަމަވާނެ މީހެއް ކަމަށާއި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި އުފަލާއެކީ ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް ހުރިހާ ސިޔާސީ ޕާޓީތަަކަކަށްވެސް ހިންގަވާށޭ ކުރިއަށް ދާން. މިގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު މިގައުމަކީ ކޮންމެ ދިވެހި ލޮބިވެތި ރައްޔިތެއްގެ ވެސް ގައުމު އެހެންވީމަ ހުރިހާ ބޭފުޅުން އަތުކުރިއޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭނީ އެކަމުން އުފާވެރިކަން" ރައީސް ވިދާޅުވިއެވެ.
ވާހަކަ ދެއްކެވުމަށް ވުރެ ބޮޑަށް ބޭނުންވަނީ ކަންކަން އަމަލުން ދެއްކެވުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ގައުމުން ފެންނާނީ ތަރައްގީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދިވެހި ރައްޔިތުންވެސް ބޭނުންވަނީ އެކަން ކަމަށް ނިމިގެންދިޔަ މަޖިލިސް އިންތިހާބުން ދައްކުވާދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.