މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި އޭދަފުށި ދާއިރާއަށް ވާދަކުރެއްވި ރެޑްވޭވް އަހްމަދު ސަލީމް އަދި މުލަކު ދާއިރާއަށް ވާދަ ކުރެއްވި އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

ސަލީމްއަކީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އޭދަފުށި ދާއިރާގެ މެންބަރުކަން ފުރުއްވި ކެންޑިޑޭޓްއެވެ.

ޕީއެންސީގެ ޕީޖީ މަގާމު ފުރުއްވަމުން ގެންދަވާ ސަލީމް އަދި ދަރިފުޅު ނައުފަލް އިންތިހާބުގައި ވާދަ ކުރައްވާފައި ވަނީ ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. ސަލީމް މި އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އޭނާ އެ ހޮވިވަޑައިގެންނެވީ މަޖިލީހުގެ 4 ވަނަ ދައުރަށެވެ.

ސަލީމް ވަނީ މީގެ ކުރިން 15 އަހަރު ދުވަހު އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އަދި ދާއިރާގެ ތަރައްގީއަށާއި ގައުމުގެ ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ސަލީމްގެ އިތުރުން ގިނަ ދައުރުތަކެއް ފުރުއްވި އެހެން ބައެއް ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އެގޮތުން ދ. މީދޫ ދާއިރާއަށް ވާދަ ކުރެއްވި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ފަސްވަނަ ފަހަރެވެ.

ނިމިދިޔަ މަޖިލީހުގެ ދައުރުގައި މެންބަރުކަން ކުރެއްވި ބައެއް މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިދިޔަ ދައުރުގައި މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި އަދި ހަތަރު ދައުރު މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލްކުރެއްވި މުހައްމަދު އަސްލަމްގެ ގޮނޑިވެސް ވަނީ އޭނާއަށް ގެއްލިފައެވެ.