މަޖިލިސް އިންތިހާބުގައި އެއްލައްކަ އައްޑިހަ އެއްހާހަށްވުރެ ގިނަ މީހުން ވޯޓު ލައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ބުނީ މިއަދު ހަވީރު 4:00 އާ ހަމައަށް ޖުމުލަ 181،406 މީހުން ވޯޓު ލާފައިވާކަމަށެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 63.73 ޕަސެންޓު މީހުންނެވެ. 4:00 އާ ހަމައަށް 88،230 އަންހެނުން ވޯޓު ލާފައި ވާއިރު، 93،176 ފިރިހެނުން ވޯޓު ލާފައި ވާކަމަށް އީސީ އިން ވަނީ ބުނެފައެވެ
މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ.
ކުރިއަށް ދާ މި އިންތިހާބުގައި މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. އެއީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހެކެވެ.
ނަމަވެސް އީސީ އިން ބުނީ ވޯޓުލުން ފެށިގެން މިހާރު ކުރިއަށް ދާއިރު ވޯޓުގައި މިހާތަނަށް ބޮޑު މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ކުރިއަށް ދަނީ އަމާންކޮށްކަމަށެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.