މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ.
ރައީސް ޔާމީން ވޯޓު ލައްވާފައި ވަނީ އަހުމަދިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި މައްޗަންގޯޅި މެދު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީން ވޯޓުލައްވާފައެއް ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ވަނީ މާފުށީގައި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި-2 އަކަށް ވޯޓު ލައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު ރައީސް ޔާމީން ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީލޯންޑަރިިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމިންއަށް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ނަމަވެސް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށްފައެވެ. އެއާއެކު އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ.
މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އެ މައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރުސަތު ދެވިފައި ނުވަނީ ބޭއިންސާފުން ކަން ފާހަގަކޮށް އެފުރުސަތު ދިނުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ހުކުމުގައި ވެއެވެ.