ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގައި އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ވޯޓުލުމުގެ ކަންތައް ކުރިއަށްދާތަން ފެނިވަޑައިގަންނަވާއިރު އުންމީދަކީ މިއަދުގެ ވޯޓުލުން ނިމޭއިރުގައި ރަނގަޅު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެން ދިއުން ކަމަށެވެ. އަދި އެކަން ކެމްޕެއިންގެ ތެރެއިންނާއި މިއަދު ވޯޓުލަމުންދާއިރު ވެސް ފެނިވަޑައިގަންނަވާ ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ވީހާވެސް ގިނަ މީހުން ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލެއްވުން އިލްތިމާސްކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއީ ގާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ހައްގެއް ކަމަށާއި އޭގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ކޮންމެ ރައްޔިތަކުވެސް ބޭނުން ކުރުމަކީ ގައުމުގެ މަސްލަހަތަށްޓަކައި ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
ރައީސް ސޯލިހު ވަނީ ހާއްސަކޮށް ސިޓީތަކުން ސާފު އަޣުލަބިއްޔަތު ފެނިވަޑައިގަންނަވާ ކަމަށާއި ކުދި ރަށްތަކުވެސް އަޣުލަބިއްޔަތު ފެނިވަޑައިގަންނަވާ ކަމަށެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ބޭނުންކުރަމުން ގެންދިޔަތަން އޮޅުމެއް ނެތް ސާފުކޮށް ފެނިވަޑައިގެންނަވަން ހުރި ކަމަށާއި ހާއްސަކޮށް ސަރުކާރުގެ ކުންފުނިތައް އިންތިހާއަށް ބޭނުންކުރަމުން ދިޔަ ތަން ފެނިވަޑައިގެންނެވި ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެ ޝަކުވާތައް މިއަދުވެސް ލިބެންމުންދާ ކަމަށާއި ސަރުކާރުގެ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން މީގެ ތެރޭގައި ވަރަށް ބޮޑަށް ހިމެނޭ ކަމަށެވެ.