އެމްޑީޕީން ކުރިހާ ވެސް ކަމަކީ ފައިސާ ޗާޕުކޮށް، ގާނޫނުތަކުގައި ތަޅު އެޅުވުން ކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އިދިކޮޅު މައި ޕާޓީއަށް ރައްދު ދެއްވައިފިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ހީނާ ރައްދު ދެއްވާފައިވަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބިލިއަނުން ލޯނު ނަގާ އަންނަން އޮތް ޖީލު ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ. އަދި އެއީ އެ ސަރުކާރުން ފެއިލްވެފައިވާކަން ހާމަވާ ކަމެއް ކަމަށާއި ވެރިކަން ނިމުނުއިރުވެސް ގައުމު އޮތީ އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. "ވެރިކަން ނިމުނުއިރު އިގްތިސާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި،" ހީނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ މިސްރާބު ހަމަ މަގަށް އެޅުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކުމުގެ ފުރުސަތު ނޯންނާނެކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ހީނާ ވިދާޅުވިއެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންގެ އަމާޒަކީ ވެސް ރައްޔިތުންގެ އުންމީދުތައް ފުއްދާ ދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެމްޑީޕީގެ މަޝްރޫއުތައް އޮތީ ފެއިލްވުމުގެ އިތުރުން އެމްޑީޕީގެ ވެރިކަމުގެ އިސްލާމްދީނުގެ ހުރުމަތް ކަނޑާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށާއި ކޮވިޑުގެ ހާލަތުގައި ވެސް ކުރީ ވައްކަން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވައިލަން ބޭނުންވަނީ ވެރިކަން ނިމުނުއިރު ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އޮތީ ޕްރޮޖެކްޓުތައް ހުއްޓިފައޭ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އޮތީ އެ ބޭފުޅުން ކުރެއްވިި ހުރިހާ ކަމެއް އޮތީ ފެއިލްވެފައޭ،" ހީނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައިވާއިރު ޕީއެންސީން ދަނީ އިދިކޮޅު އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް މައްސަލަވެސް އީސީއަށް ހުށަހަޅާފައެވެ.