ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ވެވަޑައިގަތުމުން ހަމްދު ކުރައްވައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
އަދުރޭ ވިދާޅުވީ، ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ރައީސް މުއިއްޒު ސާބިތު ކޮށްދެއްވައިފި ކަމަށެވެ. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ވެސް ކަށަވަރު ކޮށްދެއްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއް ކަން ވެސް ޔަގީންވެއްޖެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދައިން ބަސްފުޅާއި އަމަލުފުޅު ދިމާވާ ވެރިން ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމާ ހަމައަށް އަދުރޭ އަކީ ރައީސް ޔާމީންގެ އެންމެ އަރިހުގައި ހުންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ނަމަވެސް ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ދުވަސްވަރުން ފެށިގެން އަދުރޭ ބޮޑަށް ފެނިގެން ދިޔައީ ރައީސް މުއިއްޒުއާ އެކުގައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންތަނެވެ.
ރިޔާސީ އިންތިހާބު ނިމި ވެރިކަން ބަދަލުވެގެން އައި އިރު، ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ފެނިގެން ދިޔަ އިރު މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެ ދުވަހަށް ފަހު އެކި ގޮތްގޮތުން ރައީސް ޔާމީންއާއި އަދުރޭ ވަނީ ބަހުގެ ހަމަލާ ރައްދުގައި އެތައް ވާހަކަތަކެއް ދައްކަވާފައެވެ.
ރައީސް ޔާމީން މިއަދު މިނިވަންވެ ވަޑައިގެންފައިވާ އިރު، އެމަނިކުފާނުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރަން އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޝަރީއަތް ކެންސަލްވެ ހަތަރު މަސް ފަހުން މިއަދު އެ ހުކުމް އިއްވާފައިވާ އިރު، ޔާމީން ވަނީ ޝަރީއަތް ލަސްކުރުވީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. ވެރިކަން ބަދަލުވުމުން އެމަނިކުފާނު ޖަލުން ގެކޮޅަށް ބަދަލު ކުރެއްވިޔަސް އެތައް ހައްގެއް މި ސަރުކާރުން ވަނީ ނިގުޅައިގެންފައި ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވައެވެ.