އިސްތިއުނާފަށް ލީ މައްސަލައިގެ އަޑުއަހުންތައް ނިންމާލައި އެ މައްސަލައަކީ ޑިސެމްބަރު މަހު ހުކުމްކޮށް ނިންމެން އޮތް މައްސަލައެއް ކަމަށާއި ހުކުމް ކުރުން 4 މަސް ދުވަހަށް ދިގުދެމިގެން ގޮސްފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.
ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު އިއްވާފައިވާ ޖުމްލަ 11 އަހަރުގެ ޖަލު ހުކުމް މިއަދު ބާތިލް ކުރުމުން ރައީސް ޔާމީން ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން މި މައްސަލަ ބެލުމަށް ދިގުލައިގެން ދިޔަ ދިއުމުގެ ތެރޭގައި ވަރަަށް ގިނަ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިއަދު ކޯޓުން ކުރި ހުކުމާ ދޭތެރޭގައި ވެސް މި ގައުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޯޓަށް ނުފޫޒު ފޯރުވައިގެން އެމްޑީޕީން މި ހުކުމް އަވަސް ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ކަމަށް ޔާމީންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސް މުއއިްޒު މިހެން ވިދާޅުވުމުގެ މާނައަކީ މި ކަންތައް ދާނެ ގޮތަކަށް ދާން އެމަނިކުފާނު އިންތިޒާރު ކުރެއްވީ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައިގައި ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސް ހިނގައްޖެ ކަމަށާއި ނަމަވެސް ސަރުކާރު ބަދަލުވެ އެމަނިކުފާނު ޖަލުން ގެކޮޅަށް ބަދަލުކުރިއަސް އެތައް ހައްގަކުން ވަނީ މަހްރޫމް ވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ ޕީއެންއެފް އިން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ، އެއިން ކެމްޕެއިން ހަރަކާތެއްގައި ވެސް ރާއްޖެތެރެއަށް ވެސް އެ މަނިކުފާނަށް ވަޑައިނުގެންނެވި މާލޭގައި ހުންނަވަން މަޖުބޫރުވެ ވަޑައިގެންފައިވާ ކަަމަށެވެ. އެމަނިކުފާނަށް ހަމައެކަނި ލިބިވަަޑައިގެންފައިވާ ހުއްދައަކީ ޕާޓީ އޮފީސް ތެރޭ ވާހަކަ ދެއްކުން ކަމަށާއި ޕޯޑިއަމް ކައިރީ ހުންނަވައިގެން ވާހަކަ ނުދެއްކޭ ވަރަށް ހަނިކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މިހާރު އޮތީ ގާތްގަނޑަކަށް 48 ގަޑިއިރު ކަމަށާއި މި މައްސަލަ އިސްތިއުނާފް ކުރި އިރު ވެސް މިއީ ސާބިތުކޮށްދެވޭނެ ކަމެއް ނޫން ކަން ވަރަށް ސާފު ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރު އޮތް އިރު ބަލަން ފެށި މި މައްސަލައިގައި ތަހުގީގީ މަރުހަލާތަކުގައި ވެސް އެމަނިކުފާނު ފްރޭމް ކުރުމަށް ކަންކަން ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމާ ހަމައަށް މިއަދު ދިޔަ އިރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓާނެ ކަމަށް އެމްޑީޕީން ވެސް ހީކޮށްގެން ތިބޭނެ ކަމަށް ޔާމީން ވިދާލުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނޮވެމްބަރު މަހު ނިންމާލާފައިވާ އިރު، އޭރު ހުކުމް ކުރުން އޮތީ ޑިސެމްބަރު މަހަށް ތާވަލް ކޮށްފައެވެ. ނަމަވެސް މައްސަލައިގެ ހުކުމް ލަސްކުރަމުން އައިސް 4 މަސް ވީ އިރު، މިއީ ދައުލަތާއި ކޯޓުތަކުގެ ޒިންމާ އޮންނަން ޖެހޭ ކަމެއް ކަމަށް ޔާމިން ވިދާޅުވިއެވެ. މައްސަލައިގައި ހުކުމް ކުރުން ލަސް ކުރަމުން ދާ ނަމަ ޒިންމާދާރު ފަރާތެއް މި މައްސަލަ އަވަސް ކުރުމަށް ގޮވާލަން ޖެހޭނެ ކަމަށާއި މިއީ ހަމައެކަނި އެމަނިކުފާނު ނޫނަސް ކޮންމެ މައްސަލައެއްގައި ވެސް އިންސާފު ގާއިމް ކޮށްދިނުމަށް ކަން ކުރަން ޖެހޭ ގޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން މިނިވަންވެވަޑައިގެންފައިވާ އިރު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވުމަކީ އެމަނިކުފާނުގެ ހައްގެއް ގެއްލިގެން ދިއުން ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އެކަން ވީ އެ ދުވަހު ރަނގަޅަކަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވެފައި ވަނީ، ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތްނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީއެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.
ބަލަ ތިކަން ލަސްކޮށް ހިފެހެއްޓި މީހުން ބަލަން ބޭނުންވީމަ އެކަން ކޮށްލީ ތިޔޮށް. އެކަމު ގޮސް ތި އަރަނީ އެ ފަޅިއަށް