ރާއްޖެއަށް ބޭނުންވާ އަސާސީ ބައެއް ބާވަތްތަކުން ކޯޓާ އިތުރު ކޮށްދިނުމަށް ފަހު އެތަކެތި އިންޑިއާއިން ބޭރު ކުރެވޭނީ ޖުމްލަ 4 ބަނދަރަކުން ކަމަށް ކަނޑައަޅާ އެގައުމުން އިއުލާން ކޮށްފިއެވެ.
އިންޑިއާގެ ފޮރިން ޓްރޭޑްގެ ޑީޖީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, ހާއްސާ ހުއްދައެއްގެ ގޮތުގައި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތަކުން ކޯޓާ އިތުރު ކޮށްދީފައި ވީނަމަވެސް އެތަކެތި އިންޑިއާ އިން ބޭރު ކުރުމުގައި މީގެ ފަހުން ބޭނުން ކުރެވޭނީ އަންނަނިވި ޕޯޓުތަކުން ކަމަށެވެ.
1. މުންދުރާ ސީ ޕޯޓް
2. ޓްޓިކޮރިން ސީ ޕޯޓް
3. ނިހަވާ ޝިވާ ސީ ޕޯޓް
4. އައިސީޑީ ތުގްލަކަބާދު
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް ހިނގަމުން ދިޔަ ނަމަވެސް މިހިނގާ އޭޕްރީލް 5 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް އެތެރެ ކުރެވޭނެ ބާވަތްތަކުން ކޯޓާ އިތުރު ކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހިލަވެއްޔާއި ރިވާ ސޭންޑް އިން 25 މެޓްރިކް ޓަނު އިތުރުކޮށްދީ ޖުމްލަ 100,000 މެޓްރިކް ޓަނަށް ވަނީ ހަދައިދީފައެވެ.
ބިހާއި އަލުއްވާއި ފިޔާ އަދި ހަކުރާއި ހަނޑޫ އަދި ފުށުން ވަނީ 5 ޕަސެންޓް އިތުރު ކޮށްދީފައެވެ. މިތަކެތީގެ ތެރެއިން ހަނޑޫ ހަކުރު އަދި ފިޔާ އަކީ އެތަކެތި އުފެއްދުމުގައި އިންޑިއާއަށް ދިމާވި ތަދުމަޑުކަމުގެ ތެރޭގައިވެސް ރާއްޖެއަށް އެތެރެ ކުރަން ހުއްދަ ދިން ތަކެއްޗެވެ.
ރައީށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދި ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރި ނަމަވެސް އިންޑިއާއިން ބުނެފައި ވަނީ އިންސާނިއްޔަތުކަމުގެ ދާއިރާއިން އިންޑިއާއިން އަބަދުވެސް އިހުތިޔާރު ކުރާނީ ނޭބާހުޑް ފަސްޓް ޕޮލިސީ [އެންމެ ފުރަތަމަ އަވަށްޓެރިން ސިޔާސަތު] ކަމަށެވެ.
ޑރ. މުއިއްޒުގެ ސަރުކާރާއި އިންޑިއާއާ ހިޔާލު ތަފާތުވި އެންމެ ބޮޑު އެއް މައްސަލައަކަށް ވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ރާއްޖޭގެ ސަރުކާރުން އެދެމުން ދިޔަ ނަމަވެސް އިންޑިއާ އިން އެކަމާ އަޅާނުލައި ދިގުދަންމަމުން ދިޔަ މައްސަލައެވެ. އެ މައްސަލައިގައި ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބްލީ ކުރުމުގެ ހައްގު އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިންޑިއާ އަށް އަމާޒު ކުރައްވައި ވަރުގަދަ ހަމަލާއެއް ދެއްވުމާއެކު އިންޑިއާ އިން ވަނީ ރާއްޖޭގައި ތިބި ސިފައިން އަނބުރާ ގެންދަން ފަށާފައެވެ. ޖުމްލަ 87 ސިފައިން ތިބި ކަމަށް ރެކޯޑްތަކުން ދައްކާ އިރު މިހާރު ދެބުރަކަށް ސިފައިން ބާލައިފިއެވެ. ތިން ވަނަ ބުރު މެއި 10 ގެ ކުރިން ގެންދަން އޮތީ އިންޑިއާއިން އެއްބަސްވެފައެވެ.
އިންޑިއާއިން އަލަށް އެޅި މިފިޔަވަޅާއެކު ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި ދައްޗެއް އޮތްކަމެއް އަދި ސާފެއް ނުވެއެވެ. އާންމުކޮށް އިންޑިއާއިން ރާއްޖެއަށް މުދާ ގެނައުމުގައި ބޭނުން ކުރާ އެއް ބަނދަރަކީ ޓްޓިކޮރިން ބަނދަރު ކަމަށް ވާއިރު ހުއްދަ އޮތް ލިސްޓުގައި އެ ބަނދަރު ހިމެނެއެވެ.
އިންޑިއާގެ މިނިންމުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.