އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއަްވާފައި ދިޔައިރު ފިހާރަތައް ވަނީ ބަންދުކޮށްފައެވެ. ދެނަމާދު ދޭތެރެ ކަމުން އެއްވެސް ފިހާރައެއް ހުޅުވާފައި ނެތެވެ. އައި.ޖީއެމް.އެޗް ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލާފައި މަންޝާ އަތަށް އަޒީމްގެ ވޮލެޓުން ނެގި އެއްހާސް ރުފިޔާގެ ނޫޓު ދިއްކޮށްލަމުން ބުނެލިއެވެ.

"7:30 ގަ ރިޕޯޓް ދޫކުރަނީ... ސްލިޕްކޮޅު ގެނައިންދޯ...."

*** *** *** *** *** **

ރޫހީ އެނދުމަތި ކުރެވިފައިވާ ކޮޓަރީގައި ހުރި ހިމަ، ދިގު ސޯފާ ކުރިމަތީ އާމިނަ ހުރީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ސޯފާގެ ފަހަތުގައިވާ ކުޑަދޮރުން ބޭރު ބަލަން އާމިނަ އިނީ ހޮސްޕިޓަލުގެ ބިއްދޮށުން މޫދާ އެކީ އުދަރެހުން ފެންނަމުން ދިޔަ މަންޒަރަށް ބަލާށެވެ. ރަތްވިލާ އޮއްސެމުން ދިޔަ ވަގުތެއް ނަމަވެސް އުޑުމަތި ބަނަވެ އަނދިރިވަމުން ދިޔަ މަންޒަރަށް ގެއްލިގައި އާމިނަ އިނީ އޭނާގެ ދަރިފުޅުގެ ހާލާމެދު ފިކުރުބޮޑުވެ ހިތް ނުތަނަވަސްވެފައެވެ.

އަލިބެ އައިސް ކިޔެވެލި ކިޔަވާ ހެދުމަށް އެއްބަސްވީ ޟިރާރުއާއި އަލިބެއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. ނަމަވެސް މިކަމަކީ އެހާ ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމެއްކަމަށް އޭނާ ގަބޫލުނުކުރާ ވާހަކަ ބުންޏެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުންދާ މަޚްލޫގަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ ނުބައި ނުލަފާ އެއްޗެއްކަމުން ނުރައްކާ ބޮޑު ވާނެ ކަމަށް އަލިބެ ވަނީ ބުނެފައެވެ.

މިކަން ކާމިޔާބުވާން އޮތީ ރޫހީ ގެއަށް ގެންދެވިގެންނެވެ. ހޮސްޕިޓަލުގައި ބާއްވައިގެން މިފަދަ ފަރުވާއެއް ދިނުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެތީއެވެ. އާމިނަމެންގެ އާދޭހަށް މަޣްރިބް ނަމާދުން ފައިބައިގެން އަންނަން އަލިބެ އެއްބަސްވީ ވަރަށް އާދޭސް ކުރުމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ރޫހީއަކަށް ނޭންގައެވެ.

ނިދިފައި އޮތް ރޫހީ މަޑުމަޑުން ތުންތަޅުވަން ފެށުމުން ރޫހީ ގާތަށް އާމިނަ ޖެހިލީ އޭނާ އެކިޔާ އެއްޗެއް ރަނގަޅަށް ސާފުވޭތޯއެވެ. ކަނުލާ އަޑުއަހަން ހުރި އާމިނަގެ ދެލޯ ބޮޑުވެގެން ދިޔައީ ރޫހީގެ އަނގައިން ނުކުންނަން ފެށި ބަސްތައް އޭނާއަށް ދޭހަވުމުންނެވެ. އާމިނަގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށުމުން ދުރުގައި އިން ޟިރާރަށް ބަލާކަށް ނުހުރެވުނެވެ. ޟިރާރު އައިސް އާމިނަ ގާތުގައި ހުއްޓެމުން ކިހިނެއްވީތޯ ސުވާލު ކޮށްލީ ނިތަށް ރޫގިނަ ކޮށްލަމުންނެވެ.

"ޝްޝް... އަޑުއަހާބަލަ... ރޫހީ އެކިޔާ އެއްޗެއް..." ވައި އަޑުން އާމިނަ ބުނި އެއްޗަކުން އެނދުގައި އޮތް ރޫހީގެ ހަރަކާތްކުރަމުން ދިޔަ ތުންފަތަށް ބަލަމުން، ދެ ކަންފަތް ދެމުން ޟިރާރު ކުރިޔަށް ޖެހިލީ ފަސޭހައިން ރޫހީގެ އަޑު އިވޭތޯއެވެ.

"އެމީހާ ހުއްޓުވާ... އޭމީހާ ދޮންބެއާ އެއްކޮށް އެބަ އާދޭ.... މަންމާ އެމީހާ ހުއްޓުވާ... އަލިބެ ގެންނާނެ ކަމެއް ނެތް... އޭނާ ރުޅިއައިސްދާނެ..."

ރޫހީގެ ދުލުން ނުކުތް ލަފްޒުތައް އަޑުއަހަން ހުރި ޟިރާރަށް ލިބުނު ހައިރާންކަމުން ބިރުންހުރެ ދުރަށް ޖެހިލިއެވެ. ކައިރީގައި ހުރި އަތްގަނޑުލީ، ހުދު ކުލައިގެ، ޕްލާސްޓިކް ގޮނޑީގައި އިށީނދެ އެއްއަތުން ޟިރާރު ނިތްކުރީގައި ފިރުމާލީ ފިކުރުބޮޑު ވުމުންނެވެ. އާމިނަވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަލިބެ ގެންނަން އުޅޭކަމުގެ އެއްވެސް ވާހަކައެއް ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރިތެރޭގައި އެއްވެސް މީހަކު ނުދައްކައެވެ. ނަމަވެސް އަލިބެގެ ނަމާއެކީ އެހެން ބުނަން ރޫހީއަށް އެނގުނީތީ ޟިރާރުއަށް މީ ކިހާވަރެއްގެ ކަމެއްކަން ނަގައިގަނެވުނެވެ.

ޑޮކްޓަރުން ދީފައިވާ އިންޖެކްޝަންގެ ސަބަބުން ރޫހީގެ ހަށިގަނޑަށް މާ ބޮޑު ވަރެއް ނޭރުވޭނެކަމަށް އެމީހުން ހީކުރި ނަމަވެސް ކުއްލިއަކަށް ރޫހީގެ ދެލޯ ތަންމިނަން ހުޅުވާލީ ރުޅިވެރިކަމާ އެކީގައެވެ. އާމިނަ ހުރި ދިމާލަށް ބަލާލަމުން އޭނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.

"އޭ އާމިނާ... މަ މަރާލަންތަ ތިއުޅެނީ؟ .. މަ މަރާލުމުގެ ކުރިން ތަގޭ ދަރީގެ ދުވަސް ދުއްވަލާނަން.... ހަމަ މިހާރު ތިކަން ހުއްޓާލާ... އެ މުސްކުޅި މީހާގަނޑު މިތަނަށް ނުވައްދާތި... އާމިނާ... ތަ ކައިރީ މި ބުނަނީ މިކަން ހުއްޓަލަން... އަޑޮ އިވިއްޖެތަ؟..."

ރޫހީގެ ދުލުން ނުކުންނަމުން ދިޔަ ބަސްތަކަކީ އޭނާގެ ބާރުން ނުކުންނަމުން ދިޔަ ބަސްތަކެއް ނޫންކަން އާމިނައަށް އެނގެއެވެ. އަޑު ބަރުވެފައި ހުރިއިރު އެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ. ހީވަނީ ތިން މީހެއްގެ އަޑު އެއްވެފައި ހުރިހެންނެވެ. ރޫހީ ބުނި ޖުމްލަތައް ނުހުއްޓި އާމިނަގެ ސިކުނޑީގައި އެއް އަޑެއްހެން ތަކުރާރުވޭވޭ ހުއްޓެވެ. މީ ދުވަހަކުވެސް އޭނާގެ ދަރިއެއް އޭނާއާއި މުޚާތަބު ކުރާނެކަމަށް އުއްމީދުކޮށްފައި ވެސް ވާ ގޮތެއް ނޫނެވެ. ދެން ކުއްލިއަކަށް ރޫހީގެ ހަށިގަނޑަށް ވާން ފެށިގޮތުން އާމިނައަށް ބާރަށް ރޮއިގަނެވުނެވެ.

މުޅި މީހާގެ ހަށިގަނޑު ރޯ މަހެއްހެން ތެޅެން ފެށިއެވެ. ލޮލުގެ ކަޅިވަނީ މައްޗަށް އަރާފައެވެ. ތުރުއަޅަމުން ދިޔައިރު އެ ދަގަނޑު އެނދަށް އަންނަން ފެށި ލޮޅުމާއި އެކީ ހީވީ ދެންމެދެންމެ އެނދުވެސް އެކީ ރޫޅިދާނެ ހެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެ ރޫހީގެ ފައިތިލައިގައި ހިފަހައްޓާލަމުން އާމިނަގެ މޫނަށް ޟިރާރު ބަލާލީ ދެން ހަދަންވީ ގޮތެއް ނޭނގި ހުރެއެވެ. އިސާހިތަކު އެ ތުރުތުރުއެޅުން މުޅިންހެން ހުއްޓި ހަމަހިމޭން ވެއްޖެއެވެ. ދެން އިވެން ފެށީ ރޫހީގެ ވޭނީ ރުއިމުގެ އަޑެވެ. ގިސްލަމުން އޭނާ މަޑުމަޑުން ބޯ ހިއްލާފައި ޟިރާރަށް ބަލާލިއެވެ.

"ބައްޕާ ޕްލީސް... އެމީހާ ނުގެނެބަ... މަގޭ ގަޔަށް ވަރަށް ތަދުވެއި...." ރޫހީ ރޮމުން އޭނާގެ ބައްޕަ ގާތު އާދޭސް ކުރަމުން ދިޔައެވެ. ރޫހީގެ އަޑުގައި ކުރިންހުރި ބިރުވެރި ގޮތެއް ނެތެވެ. މައުސޫމްކަން އެކުލެވިފައިވާ ރާގަކުން އޭނާ އާދޭސް ކުރަމުން ދިޔައީ ބައްޕައަށް ވިސްނައިދެވޭ ތޯއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން ބިސްމިކިޔައި އިތުރު ދުޢާތަކެއް ކިޔަމުން އެތެރެއަށް ވަދެގެން މިއައީ އަލިބެއާއި ރިޔާޒެވެ. އަލިބެ އައިސް އެ ކޮޓަރީގައި ހުރި ހުދު ޕްލާސްޓިކް ގޮނޑީގައި އިށީނދެ އަތުގައި އޮތް ޚަތިމްގައި ފާހަގަކޮށްފައިވާ ޞަފްޙާއަށް ހުޅުވާލިއެވެ. އަދި އައޫޒު ބިސްމި ކިޔުމަށްފަހު އެގަނޑުގައި ފާހަގަކޮށްފައިވާ ވަކި އާޔަތްތަކެއް ކިޔަން ފެއްޓިއެވެ.

އަލިބެ ކިޔަވަން ފެށުމުން ރޫހީއަށް ވަރަށް ގިނަގުނަ އުނދަގޫތައް ވަމުން ދިޔައެވެ. ދޭތެރެއަކުން ފައި ކުރުކޮށް އެނދުގައި ދެފައި ތަޅަމުން ދިޔައީ އެ ކިޔެވެލީގެ އަޑު އަހަން ބޭނުން ނުވާތީއެވެ. ފުން ނޭވާތަކެއް ބޭރުކުރަމުން އަޑު މަޑުކުރުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ކަންފަތުގެ ތޫރި ފަޅައިގެން ދާން އުޅޭހެން ހީވާ ފަހަރުވެސް އާދެއެވެ. މުޅި ހަށިގަނޑު ހިރުވާ ކަހާހެންވެސް ހީވެއެވެ. ރޫހީގެ ދެއަތް އައްސާފައި އޮތުމުން އެނދުގައި އޮވެ ލަކިޖެހުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަލިބެ ހުރި ފަރާތުން އަނެއް ފަރާތަށް މޫނު އަނބުރައިގެން އަޑުނާހަން ރޫހީ މަސައްކަތް ކުރަމުން ދިޔައެވެ. ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން މުޅިމީހާ ދާހިއްލާ ފޯވަމުން ދިޔައެވެ.

ހުއްޓުމެއް ނެތި އަލިބެ ކިޔަވަމުން ދިޔައެވެ. ރޫހީއަށް މި އުނދަގޫތައްވަމުން ދާނެކަން އަލިބެއަށް މާ ކުރިން އެނގެއެވެ. އަނގަމަތީގައި އަތް އަޅައިގެން އާމިނަ ހުރީ ރޮވޭތީ އަޑެއް ނުލައްވާށެވެ. ރިޔާޒް ހުރީ ކޮޓަރީގެ ދޮރު ކައިރީގައެވެ. އަލިބެގެ އިޝާރާތަށް ރިޔާޒް ކޮޓަރީގެ ދޮރުފަތް ހުޅުވާލިއެވެ. މަޑުމަޑުން ރޫހީގެ ހަށިގަނޑު މައިތިރިވަމުން ދިޔައެވެ. ކުރިން އަރުވަމުން ދިޔަ ވަރުގަނޑު މުޅިންހެން ކެނޑިއްޖެއެވެ. ރޫހީއަށް އެހެން އޮވެ ނިދުނީ ވެފައިވާ ވަރުބަލި ކަމުންނެވެ. ކިޔަވާ ނިންމާލުމަށްފަހު އަލިބެ މިސްކިތަށް ދިޔުމަށް އެކޮޓަރިން ނުކުމެގެން ދިޔައީ ޟިރާރުއާ ރިޔާޒާއި އެކީގައެވެ. ކޮޓަރީގެ ދޮރުފަތް ލައްޕާލުމުގެ ކުރިން އާމިނަ ގާތު މި ދޮރު ނުހުޅުވުމަށް އެދި އަލިބެމެން ދިޔައީ ނަމާދު ކޮށްލައިގެން އަންނާށެވެ.

އާމިނަ ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. ރޫހީގެ ހާލު ގޯސްވަމުން ދާތީ އާމިނަ ނުނިދާ އުޅޭތާ ތިން ދުވަސް ވީއެވެ. ވަރުބަލިވެފައި ހުރިނަމަވެސް އާމިނަ ނިދާކަށް ބޭނުމެއް ނޫނެވެ. ރޫހީގެ އެނދު ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭނާއަށް އޮތީ ގަދައަށް ނިދިފައެވެ. ހީވަނީ އެތައް ދުވަސްތަކަކަށް ފަހު އަރާމު ނިންޖަކުން ނިދާލަނީ ހެންނެވެ. އަލިބެ އައިސް ކިޔަވާފައި ދިޔަ ފަހުން ރޫހީއަށް އެއޮތީ އަރާމުކޮށް ނިދިފައެވެ.

ހިނދުކޮޅަކު ރޫހީއާއި ދިމާލަށް ބަލަންހުރުމަށްފަހު އާމިނަ ސޯފާގައި އިށީނެވެ. އަދި އާމިނަގެ ދިގު ހެދުމުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ފާތުމަގެ އެގާރަ މިސްޑް ކޯލް ފެންނަން ހުރުމުން އޭނާގެ އެއްބަޑު އެއްބަފާ ފާތުމައަށް ގުޅަން ނަންބަރުތައް ޖަހާލިއެވެ. ނަމަވެސް އެ ނަންބަރަށް ގުޅޭ ގޮތެއް ނުވިއެވެ. ފާޑެއްގެ އަޑެއް ކިޔާފައި ފޯނު ކެނޑެނީއެވެ. އާމިނަ އޭނާގެ އަތުގައިވާ ފޯނުގެ ރޭންޖް ފިތްތަކަށް ބަލާލިއެވެ. އެންމެ ފިތެއްގެ ރޭންޖް ލިބިލިބިފައި ގެއްލެމުން ދިޔައެވެ. އެހެންކަމުން އާމިނަ ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. ފާތުމައަށް ގުޅަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަލިބެ އަންނަންދެން ކޮޓަރި ދޮރު ނުހުޅުވުމަށް އަންގާފައިވާކަން ހަނދާނުން ކައްސާލިއެވެ. ކޮޓަރިން ބޭރަށް ނުކުތުމަށް ދޮރު ހުޅުވާލިތަނާ ބާރު ފިނި ވައިރޯޅިއެއް ޖެހި އާމިނަ ފަހަތުން އެ ދޮރު ލެއްޕުނެވެ.

ކޮޓަރިން ނުކުމެ ދެފަރާތަށް ބަލާލަމުން އާމިނަ އަވަސްވެގަތީ ފޯނަށް ރޭންޖް ލިބޭނެ ހިސާބެއް ހޯދުމަށެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ އެއް ފަރާތުން ދެވެން ހުރި މަގުން އެތެރެއަށް ދިޔައެވެ. ވަކި ހިސާބަކަށް ދެވުމުން ފޯނުގެ ހުރިހާ ރޭންޖު ފިތްތައް ދިއްލިގެން ދިޔައެވެ. ފާތުމައަށް ގުޅާލުމަށްފަހު ރޫހީގެ ހާލު ހުރި ގޮތުގެ ވާހަކަ ކިޔައިދެމުން ދިޔަ އިރު އާމިނަގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. ރޫހީގެ މި ބަލިގަނޑަށްފަހު އާމިނައަށް ހަމަނިދި ނުލިބެއެވެ. ކާން ބޯންވެސް ހަނދާން ނުހުރެއެވެ. އެ މަންޖެގެ ހާލާމެދު ވިސްނާ ރުއިން ފިޔަވާ އިތުރު ކަމެއް އާމިނައަކަށް ނުކުރެވެއެވެ.

"މިހާރު ކޮބާ އެ މަންޖެ؟.... އަލިބެ ކީކޭތަ ބުނީ؟...." ފާތުމަ ސުވާލުކޮށްލިއެވެ. ފާތުމައަކީ ރޫހީގެ ހުރި ހަމައެކަނި ބޮޑު ދައިތައެވެ. އިންތިހާއަށް ރޫހީއާއި ދޭތެރޭ ފިކުރުކުރާ ފާތުމަ ހުރީ ރޫހީގެ ހާލު ބަލަން ބޭނުންވެފައެވެ. ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކޮށްލީ އާމިނަގެ ފަރާތުން ޖާވާބެއް ނުލިބުމުންނެވެ.

"އަލިބެ ކިޔެވެލި ކިޔެވީމަ އެ މަންޖެ އެބަ އޮތް ނިދިފަ.... އަލިބެ ދަމުން ބުނީ ކޮޓަރި ދޮރު ނުހުޅުވާ ށޯ... އިންނަމާ... ފާތުމާ.... ފަހުން ގުޅާނަން...." ފަޔަށް ލެވުނުހާ ބާރެއް ލާފައި އާމިނަ އެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އަލިބެ ބުނި ބަސް ހަނދާނުން ފޮހެލާ ކޮޓަރިން ނުކުމެވުނީމައެވެ. ދުވެފައި ގޮސް އެ ކޮޓަރީ ދޮރުގެ ތަޅުގައި އާމިނަ ހިފާލީ އަވަހަށް އެތެރެއަށް ވަންނާށެވެ. ނަމަވެސް އެ ކޮޓަރީގެ ދޮރު ވަނީ އެތެރެއިން ތަޅުލެވިފައެވެ.

*** *** *** *** *** ***

އަޒީމް ދެއްކި ވާހަކަތަކަށް ބޯޖަހާލާފައި އަތްދަބަހުގައި ސްލިޕްކޮޅު އޮތް ވާހަކަ ބުނަމުން ހޮސްޕިޓަލް ތެރެއަށް ވަނުމަށް މަންޝާ ހިނގައިގަތެވެ. އަޒީމް ސައިކަލް ދުއްވާލީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އާ ދިމާގައި އޮންނަ އިމިގްރޭޝަން މުވައްޒަފުން ދަތުރު ކުރާ ފެރީއަށް ދިޔުމަށެވެ. އުޑުމަތިން ފެންނަމުން ދިޔަ ބޯ ރަތް ވިލާތަކުން ހީވަނީ ދެންމެދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ.

އައި.ޖީ.އެމް.އެޗް ތެރެއަށް ވަންނަމުން މަންޝާގެ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލުމަށްފަހު ފިޔަވަޅު މަޑުކޮށްލިއެވެ. ރިޕޯޓް ބަލާދާން މާ އަވަސް ވީމައެވެ. ދަބަސް ތެރެއިން މަންޝާގެ ފޯނު ނަގައި ކޯލް ލިސްޓު ހާވާލީ ޒުހާގެ ނަންބަރަށް ގުޅައިގެން އޭނާ އެޑްމިޓްކޮށްފައި އޮތް ކޮޓަރި ޔަގީން ކޮށްލުމަށެވެ. ފޯނުން ޒުހާގެ ނަންބަރަށް ގުޅައިގެން ހުރެ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލެވުނީ މީހަކު މާ ވަރަކަށް ބަލާހެން ހީވެގެންނެވެ.

އޭރު ހޮސްޕިޓަލް ތެރޭގައި ހުރި ގޮނޑި ބަރިތަކުގައި އިށީނދެގެން ތިބި މީހުންތައް ކަޅި ޖަހާނުލާ މަންޝާއާއި ދިމާލަށް ބަލަމުން ދިޔައެވެ. މަންޝާ ފަސްޖެހޭ ގޮތްވިއެވެ. އެތެރެއަށް ވަންނަން ޖެހިލުން ވިއެވެ. އާންމުކޮށް މަންޝާ އެއްވެސް ތަނަކަށް އެކަނި ނުދާތީ މީހުންގެ ތެރެއަށް އެކަނި ނުކުމެ އުޅެން ވަރަށް ފޫހިވެއެވެ. އަދި ހާއްސަކޮށް ނުދަންނަ މީހުން އެވަރަށް ބެލުމަކީ މަންޝާއަށް ވަރަށް އުނދަގޫވާ ކަމެކެވެ.

އެތެރެއަށް ވަނުމުގެ ބަދަލުގައި މަންޝާ ނުކުތީ ބޭރަށެވެ. ތުންގަނޑު އަނބުރަމުން ކުދި ކިޔަމުންނެވެ. "ކޯއްޗެއް ފެނިގެންތަ އެވަރަށް އެބަލަނީ... އަދި ދުވަހަކުވެސް އަންހެނަކު ނުފެންނަނީ ތޯއްޗެއް!...."

ހޮސްޕިޓަލްގެ ބޭރު ގޭޓު ކައިރިއަށް މަޑުމަޑުން ހިނގާފައި ދިޔައިރުވެސް ޒުހާއަށް ގުޅޭތޯ މަންޝާ މަސައްކަތް ކުރަމުން ދިޔައެވެ. އިރުއިރުކޮޅުން މަންޝާ ލައިގެން ހުރި ގަމީހަށާއި ސްކިނީއަށް ބަލާލެވެއެވެ. ބޮލުގެ އިސްތަށުގަނޑުގައި އަތް ހާކާލެވެއެވެ. އެމީހުން އެ ބަލަނީ އަނެއްކާ ހެދުން ނުފުށުން ލެވިފައި ހުރީމަބާއޭ ހިތަށް އެރިއެވެ. ހޮސްޕިޓަލްގެ މައި ގޭޓާ އަރާ ހަމަވިއިރު ހޮސްޕިޓަލްގެ ގޯތި ތެރެއިން އެއްފަރާތުން ހިނގާފައި ދެވެން އޮތް މަގު ފެނުމުން އެދިމާލަށް މަންޝާގެ ފިޔަވަޅު އަވަސްވެގެން ދިޔައެވެ. އެއީ ކޮންތަނެއްބާއޭ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ދެފަރާތުން ގަސް ހައްދާފައިވާއިރު ހިނގަންވާ ދިމާލުގައި ވަރަށް ރީތިކޮށް ގާތައް އަތުރާފައި ހުއްޓެވެ. އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް މީހުންގެ ހިލަން ވަމުން ދިޔައެވެ. ދުރުދުރުގައި ބެންޗުތަކެއް ބަހައްޓާފައި ހުރިއިރު އެތެރެއަށް ވަދެވެމުން ދިޔަވަރަކަށް މީހުންގެ އަޑު ގަދަވަމުން ދިޔައެވެ. އެއީ ހޮސްޕިޓަލްގެ ކެފޭ ހުރި ފަރާތުން އެތެރެއަށް ވަދެވޭ ދިމާކަން މަންޝާއަށް އެނގުނީ ދެނެވެ.

ޒުހާއަށް ގުޅެންދެން އެތަނުން ބެންޗެއްގައި އިށީނދެގެން އިނީ ރިޕޯޓްތަކުން ދައްކާނެ ނަތީޖާއަކާ ދޭތެރޭ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ހަވީރު ނިދިފައި އޮތްއިރު ފެނުނު ހުވަފެން މަތިން ހަނދާންވުމުން ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ މިފަހަރުވެސް ރިޕޯޓުތަކުގެ ނަތީޖާއަކީ ނެގެޓިވް ބާވައޭ ހިތަށް އަރަމުން ދިޔައެވެ.

*** *** *** *** *** ***

ގަދައަށް ނިދިފައި އޮތް ރޫހީއަށް ހޭލެވުނީ ވަޔާއި އެކު އައިސް ދޮރުފަތް ބާރުބާރަށް ޖެހުމުންނެވެ. ސިއްސައިގެން ގޮސްފައި ރޫހީއަށް ބަލާލެވުނީ ކޮޓަރީގައި މީހަކު ހުރިތޯއެވެ. ކޮޓަރި ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންނަން ހުރި ދޮރާ ދިމާލަށް ރޫހީ ބަލާލީ ވަރަށް ޖެހިލުންވެ ހުރެއެވެ. އޭރު ދޮރާ ދިމާލުން ކޮޓަރި ތެރެއަށް ބޮޑު ހިޔަންޏެއް ފާޅުވަމުން ދިޔައެވެ.

ރޫހީގެ ހަށިގަނޑަށް ވަރަށް ބޮޑެތި އުނދަގޫތައް ވަމުން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު މިރޭ ކަންތަކާ މި ޖެހުނީކަން އޭނާއަށް ވިސްނުނެވެ. އެ ހިޔަނި މަޑުމަޑުން އެތެރެއަށް ވަދެގެން އައިތަން ބަލަން ރޫހީއޮތީ ދެލޯ ބޮޑުކޮށްގެންނެވެ. އެނދު ވަށާލުމަށްފަހު އެ ހިޔަނި ގޮސް ހުއްޓުނީ ސޯފާ ކައިރީ ކުޑަ ދޮރާ ދިމާލުގައެވެ. ދެލޯ ބޮޑުކޮށްގެން އޮވެ ރޫހީ މަސައްކަތް ކުރީ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ.

ދުނިޔެ މައްޗަށް ވިއްސާރަ ވިލާތައް ގިނަވެ، އުޑުމަތި ބަނަވަމުން ދިޔައެވެ. މާގިނަ އިރުތަކެއްނުވެ ވާރޭވެހެން ފަށައިފިއެވެ. މި މަންޒަރު ބަލަން ހުރި އެ މަޚްލޫގުގެ ލޮލުން އަލިފާންކަނި ބުރަމުން ދިޔައެވެ. ދިގުކޮށް ކޮނޑާ ހަމަޔަށް އޮތް ކެހެރި ހުދު އިސްތަށިގަނޑު ހީވަނީ ދުން ގަނޑެއް ހެންނެވެ. އޭނާގެ އިސްކޮޅަށް ދެމިލަމުން ހަށި ފުރާ ނޭވާލަމުން މޭ ފުއްޕާލިއެވެ. އައިސްފައިވާ ރުޅި ކޮންޓަރޯލް ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ތަންމިނަށް އެކުޑަދޮރު ހުޅުވާލީ އޭނާއަށް އެތޫފާނީ އަޑުތަކުން ލިއްބައިދެމުން ދިޔަ ހިތްހަމަ ޖެހުމުންނެވެ. އެ އަޑުތަކަކީ އޭނާއަށް މިޔުޒިކެއްފަދަ ހިތްގައިމު ރާގެކެވެ. އަނދިރިކަމަކީ އޭނާ އުޅެން ބޭނުންވާ މާހައުލެވެ.

ކޮޓަރި ތެރެއަށް ފެންތިކިތިކި ބުރަމުން ދިޔައެވެ. ވައިގަދަވެ، މޫސުމް ބަދަލުވެއްޖެއެވެ. ތޮށިގަނޑު މައްޗަށް މުގުރާލާ ބޮޑެތި ރާޅުތަކުން ލޮނުތައް މަގުމައްޗަށް އޮހެމުން ދިޔައެވެ. ކޮޓަރި ތެރެއަށް ވިއްސަމުން ދިޔަ ފެންތިކިތަކުގެ އިހްސާސް ރޫހީއަށް ކުރަމުން ދިޔައެވެ. ކުޑަ ދޮރުން އެތެރެއަށް ވައްދަމުން ދިޔަ ތެތްފިނި ވައިރޯޅިން ފިނިކަން އިހްސާސްވަމުން ދިއުމާއެކު ރޫހީގެ ދެލޯ މަރާލެވުނެވެ.

މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފިނަމަ ވާނޭ ގޮތް އޭނާ ވަނީ ތަޖުރިބާކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ.

ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން ދިޔަ ވަރަކަށް ރޫހީގެ ހަށިގަނޑުގެ އެއްބައި ފާޅުވަމުން ދިޔައެވެ. ރޫހީ ލައްވާފައިވަނީ ހޮސްޕިޓަލުން ދީފައިވާ ގަޔަށް ދޫ ކަކުލާއި ހަމަޔަށް އަންނަ ކުރު ހެދުމެކެވެ. ކުރިން ގަދަ ހަދަން ރޫހީ މަސައްކަތް ކޮށްފައިވާތީ އެ ހެދުންވަނީ ރޫ ޖެހިގެން މައްޗަށް އަރާފައެވެ. އެހެން ކަމުން ފަލަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ.

(ނުނިމޭ)