ކައްދޫ އެއާޕޯޓު 100 ޕަސެންޓު ހިއްސާދާރުގެ ގޮތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ހަމަޖައްސައިފިއެވެ.
100 ޕަސެންޓު ހިއްސާދާރުގެ ގޮތުގައި ރީޖަނަލް އެއާޕޯޓްސް ހަމަޖައްސާފައި ވަނީ ވައިގެދަތުރުފަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންނެވެ.
އެއާޕޯޓު ހިންގުމަށް ގެނައި މި ބަދަލާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ދަނީ އެއާޕޯޓުގެ އޮޕްރޭޝަނާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓެވެ. އަދި ހަމައެހެންމެ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ޗައިނާގެ ސީއެމްސީއީ ކުންފުންޏާ އެކު މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެމްއޯޔޫގައި ސޮއިކޮށްފައި ވެއެވެ.
މި ގެނައި ބަދަލާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓުގެ އަދަދު 8 އަކަށް ވަނީ އަރާފައެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ގިނަ އެއާޕޯޓު ހިންގަމުންދާ ކުންފުންޏެވެ.
ކައްދޫ އެއާޕޯޓު ކުރިން ހިންގަމުން އައީ ކޭއޭސީއެލް އިންނެވެ.