1921 އިން ފެށިގެން އީރާނުގައި ފާހަގަ ކުރާ ނެޝަނަލް އާމީ ޑޭ މިއަދު އީރާނުގައި ފާހަގަ ކުރާއިރު، ރައީސް އެބްރާހިމް ރައީސީ އިޒްރޭލަށް ވަރުގަދަ ބަހުގެ ހަމަލާއެއ ދެއްވައިފިއެވެ.

2 ގަޑިއިރުގެ ދިގު ތަގުރީރެއް ދެއްވަމުން، އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ކާމިޔާބީ އާ ގުޅޭ ގޮތުން ވިދާޅުވީ، އެއީ 'ތެދު ހުވައެއްގެ' މަތީގައި ދީފައި ވާ ހަމަލާއެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވައި ހުވައަކީ އިޒްރޭލުން އީރާނު އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އެގައުމުން ކުރި ހުވައަށެވެ.

ރައީސީ ވިދާޅުވީ، އިޒްރޭލުން އީރާނުގެ ފަސަގަނޑަށް ކުޑަކުޑަ މިންވަރެއްގެ ހަމަލާއެއް އަމާޒު ވި ނަމަވެސް، އީރާނުގެ ރައްދު އަވަސް ވެފައި ވަރުގަދަ ވާނެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ދުލްހަ ބެލެހެއްޓުމުގެ ނަމުގައި މެދުއިރުމައްޗަށް ބޭރުގެ އަސްކަރީ ފައުޖުތައް ބޭނުން ނުވާ ކަމަށާއި އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާބިލުކަން މެދުއިރުމަތީގެ ކޮންމެ ގައުމެއްގައި ވެސް އެބަހުރި ކަމަށެވެ.

މީގެ ކުރިން ކޮންމެ އަހަރަކު މި ރަސްމިއްޔާތު ބާއްވަމުން އައީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ ރޫހުއްލޯ ހާމަނާއީގެ މަގުބަރާ ހުންނަ ސަރަހައްދުގައި ނަމަވެސް ސަލާމަތީ ސަބަބުތަކާ ހުރެ މިއަހަރުގެ އިވެންޓް ބާއްވާފައި ވަނީ އީރާނުގެ އިރުމަތީ ބިތުގައި އޮންނަ އަސްކަރީ ބޭހެއްގައެވެ.

އީރާނުން ނެޝަނަލް އާމި ޑޭ ފާހަގަ ކުރި އިރު، ދުނިޔެ ބަލަމުން ދަނީ، އީރާނުގެ ހަމަލާގެ ބަދަލު ދޭން އިޒްރޭލުން ކުރާނެ ކަމަކަށެވެ. ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން ބުނެފައި ވާއިރު ކަން ކުރާނެ ގޮތެއް އަދި ބޮޑުމިނެއް، ވަގުތެއް ބުނެފައެއް ނުވެއެވެ.

މުރާސިލުން ބުނާގޮތުން އިޒްރޭލުން ގެންގުޅޭނީ މަިއގަނޑު 3 ވިސްނުމެކެވެ. އެއް ވިސްނުމަކީ އަސްކަރީ މަގާމުތަކަށް އަމާޒު ކޮށް ހަމަލާ ދިނުމެވެ. ދެވަނަ ވިސްނުމަކީ އީރާނާއި އީރާނުން ބޭރުގައި އެގައުމުގެ އިސް އޮފިޝަލުންނަށް ފާރަލައި މަރާލުމެވެ. 3 ވަނަ ގޮތަކަީ ސައިބާ ހަމަލާއެއް ދިނުމެވެ.

އިޒްރޭލުން ހަމަލާ ދޭނެ ކަމަށް ބުނެފައި ވާ އިރު، އެކަމަކާ އިޒްރޭލުގެ ގާތް ބައިވެރިން ކަމަށް ވާ އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ދެކޮޅެވެ. އެގައުމުތަކުން ބުނަމުން ދަނީ އީރާނުން ދިން ހަމަލާގެ 99 ޕަސެެންޓް ނާކާމިޔާބު ކޮށްލެވިފައި ވާ ކަމަށާއި، ތަނަކަށް ގެއްލުމަކަށް ވާކަހަލަ ގެއްލުމެއް ވެސް ނުވާ ކަމަށާއި މީހަކުވެސް މަރުވެފައި ނުވާ އިރު އެއީ އިޒްރޭލަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ބަލައިގަނެ ހަމަޖެހުމަށެވެ.