ތިނަދޫ ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އަލުން މަގާމުގެ ހުވާކުރައްވައިފިއެވެ.
ރޭ ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަށު ކައުންސިލްގެ ރައީސާ، ނައިބު ރައީސް އަދި މެންބަރުންނަށް ސިޓީ ކައުންސިލްގެ މޭޔަރުކަމާ، ޑެޕިއުޓީ މޭޔަރު އަދި މެންބަރުކަމުގެ ހުވާ ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ނަޝާތަތު ޒައީމެވެ. ރޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އިގްރާރުގައި ސޮއި ކުރައްވާފައެވެ.
ގާނޫނަށް ގެނައި އިސްލާހާއެކު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީގެ މަގާމު ވަނީ އެ ސިޓީގެ މޭޔަރަށް ބަދަލުވެފައެވެ. އަދި ނައިބު ރައީސަކަށް ހުންނެވި ނަސްރުﷲ އަލީގެ މަގާމު ވަނީ ޑެޕިއުޓީ މޭޔަރަށް ބަދަލުވެފައެވެ. މީގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ އަހުމަދު ވަހީދު، މުހައްމަދު ޒަލީފް އަބްދުﷲ، އަހުމީމާ އަހުމަދުގެ އިތުރުން އާމިނަތު ނަސީމާ އަދި އައިޝަތު ލިއުޝާ ޒުބައިރުއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވި ނަމަވެސް ގާނޫނު މާނަކުރުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އިސްލާހު ގެނެސްފައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް"ގެ ގޮތުގައި އަދި "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ނިންމާ އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.