"އާހް... ނޫންންން.. ދޫކޮށްލާ... ދޫކޮށްލާ... މީ ކޮންފަދަ ބޮޑު ކަމެއް... މަ ދޫކޮށްލާށޭ.."

އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހެލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުން ވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ.

މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި މޫނު ފެންނަނީ ވަރަށްވެސް ބިރުވެރިކޮށެވެ. އެ ކޮޓަރީގައި ތިބި އެއްވެސް މީހަކު ވަކިކުރަން ރޫހީއަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ އެހެން ތާކަށް ދާން ބޭނުންވެފަައެވެ. ކިތަންމެ ބޭނުންވި ކަމުގައިވީ ނަމަވެސް ރޫހީގެ އާއިލާ އޭނާ އެތަނަށް ދިޔަ ނުދޭނެކަން ކަށަވަރެވެ.

"ރޫހީ... ފެންފޮދެއް ބޯންވީނު"ވާހަކަ ދައްކަމުން ރޫހީއާ ދިމާއަށް އޭނާގެ ދޮންބެ އައީ ފެންތައްޓެއް ހިފައިގެންނެވެ.

ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔަ ރޫހީ އިނީ އިންތިހާއަށް ރުޅިގަދަވެފައެވެ. ނަމަވެސް ދޮންބެގެ އޯގާތެރި ފިރުމުންތަކަށް އޭނާ ބަލާލީ ތުއްތު ކުއްޖެއް ފަދައިންނެވެ. ފެންތަށި ތުނބުގައި ޖައްސަން މަސައްކަތް ކުރަން ފެށުމުން ރޫހީ ދެއަތަށް ބޯހޫރަން ފެށި އެ ފެން ތަށީ ބޯން ދެކޮޅު ހަދަމުންނެވެ.

"ދޮންބޭ އަޅެ ޕްލީސް މި އަތް މޮހެދީބަލަ... އޭތި އަންނާނެ.. މަ މީހެން އޮވެ ކިހިނެއް ސަލާމަތް ވާނީ... ޕްލީސް ދޮންބޭ" ރޫހީ އޭނާގެ ދޮންބެއާ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ.

ރިޔާޒަށް މިއަޑުތައް އަހަން ވަރަށް ވެސް އުނދަގުލެވެ. މޭޒުމަތީ ފެންތަށި ބެހެއްޓުމަށްފަހު ފަސްއެނބުރި ބަލާވެސްނުލައި އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. ދެރަވެ އިސްޖެހިފައި ރޫހީ އިނީ އޭނާގެ ދޮންބެގެ ފަރާތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް ރިޔާޒްގެ ހަރަކާތް ހުރި ގޮތްފެނި ދޮންބެގެ ފަރާތުން އެހީއެއް ނުލިބޭނެކަން އެނގުމުން ރޫހީ އިތުރަށް ރުޅިއައެވެ.

އިށީނދެގެން އިނދެ މީހާ ތެޅެމުން ފޮޅެމުން ދެއަތަށް ލުކިޖަހަމުން ދިޔައިރު ރޫހީގެ އަތުގައި އައްސާފައިވާ ދިމާލުން ލޭގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އޭނާ މިހެން ތެޅޭއިރު ހީވަނީ ހަށިގަނޑުގެ އެތަން މިތަން ފުނޑާލަފާނެ ހެންނެވެ. ރޫހީގެ ހަށިގަނޑަށް ގެންނަ ކޮންމެ ބާރަކާ އެކު އެ އެނދުގެ ދަގަނޑުތައް ތެޅޭ އަޑާ އެކު ހީވަނީ އެނދު ވެސް ރޫޅި ދާނެ ހެންނެވެ.

އައި.ޖީ.އެމް.އެޗްގެ ޕްރައިވެޓް ކޮޓަރިއެއްގައި އެނދުމަތި ކުރެވިފައިވާ ރޫހީގެ ހަށިގަނޑަށް އަރުވަމުން ދިޔަ ބާރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނޭކަން ކަށަވަރެވެ. އެނދުމަތީގައި އޮތް ރޫހީގެ ހަށިގަނޑަށާއި މޫނަށް ޖައްސަމުން ދިޔަ ވައްތަރުތައް ބަލަންހުރި އާމިނަ ބަޑި ފަޅައިގެން ދިޔައެވެ. އެ މަންޒަރު ބަލަން އޭނާގެ މައި ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. ކޮޓަރިން ބޭރަށް ނިކުތުމަށްފަހު، އެކޮޓަރިން ބޭރުގައި ފޯނުން މީހަކާ ވާހަކަ ދައްކަންހުރި ޟިރާރު ގާތަށް ގޮސް އާމިނަ ހުއްޓުނެވެ.

އާމިނަގެ މޫނަށް ބަލާލަމުން ޟިރާރު ފޯނު ކަނޑާލަމުން ޖަވާބުދިނެވެ. " އާމިނާ.. އަލިބެ އެބައާދޭ... މިކަމާ އަހަރެމެން އުޅުނުލެއް މާ ލަހީ... ދެން މާ ގިނަ އިރެއް ނުވާނެ... ރޫހީ ސަލާމަތް ކުރެވޭނެ... ރިޔާޒް އެ ދިޔައީ ސައިކަލުގަ އަލިބެ ބަލާ"

ޟިރާރުގެ އަތުގައި އާމިނަ ހިފާލީ އުއްމީދުން ފުރިގެންވާ ހާލުގައެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މި ހާލުގައި ނިމިގެންދާތަން ބަލަން ކެތް ކުރަން ދަތިވިއެވެ.

ރޫހީގެ ބައްޔަކީ ނަފްސާނީ ބައްޔެއް ކަމަށް ބުނަމުން ޑޮކްޓަރުން އެކިކަހަލަ ބޭސްފަރުވާ ދެމުންދިޔަ ނަމަވެސް މާ ބޮޑު ލުޔެއް ލިބޭތަނެއް އަދި ނުފެނެއެވެ. ކުރިން ހަށިގަނޑު ރަނގަޅުކޮށް ހުރި ރޫހީއަށް ބަލާލާ ކޮންމެ މީހަކުވެސް އެ މަންޖެގެ ހާލާމެދު ހަމްދަރުދީ ވާނެއެވެ. ހިކިގެންގޮސް އަނަރޫފަވެފައިވާ އެހަށިގަނޑުގައި އެއްވެސް ތާޒާކަމެއް ނެތެވެ.

ލޯކައިރި ކަޅުވެ ވަޅުވަދެފައި ވާއިރު ލޮލުތެރެ ހީވަނީ ރަތްކަމުން އަނގުރު އަލިފާންހެނެވެ. ތުންފަތުގައި ތެތްކަމެއް ނެތުމުން ކުރަކިވެ ފަޅަފަޅައިގެން ގޮސްފައިވާ އިރު އޭނާގެ ރީތި އިސްތަށިގަނޑު ވަނީ ފުސްބުރާފައެވެ. ހޭވިފައި އޮތްއިރު އިސްތަށިގަނޑުގެ ބަލިކަށިކަން ފާހަގަ ވެއެވެ. ރޫހީގެ މޫނާއި ހަށިގަނޑަށް ބަލާލާފައި މީހުން ބުނާނީ އޭނާއަކީ ފަންސަވީސް އަހަރުން މަތީ އަންހެނެކެވެ.

ނަރުސްކުދިން ކޮޓަރިތެރެއަށް ވަދެގެން އައިސް ރޫހީގެ އައްސާފައިވާ އަތުގައި ހަރުކޮށްފައިވާ ކެނިއުލާގެ ތެރެއަށް އިންޖެކްޝަނެއް ޖަހާލިއެވެ. އޭރުވެސް ރޫހީގެ ކުރަކިވެފައިވާ ބަރުއަޑުން ވާހަކަ ދައްކަމުން ދިޔައީ މޮޔައެއް ހެންނެވެ. "މިއަތް މޮހެލާށޭ... މިއަތް މޮހެދީބަލަ.. ޕްލީސް....."

އެ އިންޖެކްޝަން ޖެހުމަށްފަހު އެނދު ކައިރީ ހުރި ސްޓޭންޑްގައި އަޅުވާފައިވާ އައިވީ ފުޅި ނަރުސް ކުދިން އޭނާގެ އަތަށް ގުޅާލިއެވެ. މާގިނަ އިރުތަކެއް ނުވެ ރޫހީގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިއްޖެއެވެ. އޭރުވެސް އޭނާގެ ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ. " މި އަތް... މޮހެ...ބަލަ... ޕްލީ....ސްސް"

*** *** *** *** *** ***

އިރުއޮއްސެމުން ދިޔަ ފުރިހަމަ މަންޒަރަށް ބަލަން މަންޝާއަށް އިނދެވުނީ އެ ގުދުރަތީ ރީތި ކުލަތަކުގެ އަވައިގައި ޖެހިފައެވެ. ހަވީރުގެ ހިތްފަސޭހަ މާހައުލުގައި އެތައް ބަޔަކު ކުޑަކުދިންނާ އެކީ ހިނގާލަން އައިސް އުޅުނެވެ. ޒުވާނުންގެ މަރުކަޒު ކައިރީގައި ހަދާފައިވާ ގޮނޑުދޮށުގައި އެއްބަޔަކު މޫދަށް އެރި މަޖާކުރަމުން ދިޔައެވެ. އެ މަންޒަރު ދުރުން ބަލަން އިން މަންޝާއަށް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަތަކެވެ. ކުޑައެއްގެ ދަށުގައިވާ ބެންޗުމަތީގައި ހަމަޖެހިލައިގެން އިން މަންޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހޭވިފައިވާ ކަޅު އިސްތަށިގަނޑު ވަޔާ އެކީ ވިހުރެމުން ދިޔައެވެ. ދޭތެރެއަކުން އިސްތަށިގަނޑުގައި އަތް ހާކާލަމުން ކޮނޑުން އެއްފަރާތަށް އިސްތަށިގަނޑު ވައްޓާލައެވެ.

ބެންޗުމަތީގައި އިށީނދެލައިގެން ފޫހިކަމެއް ނެތި އެ މަންޒަރަށް ބަލަން އިނދެވުނީ އެ މަންޒަރުން މަންޝާއަށް ހިތްހަމަ ޖެހުމެއް ލިބެމުން ދާތީއެވެ. މަންޝާގެ އަތްދަބަހުގައިވާ ފޯނު ވައިބްރޭޓް ވާން ފެށުމުން ބެންޗުމަތިން ތެދުވީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. ފޯނަށް ބަލާލިއިރު މަންޝާ ގެއަށް ނައިސްގެން ލަސްވެގެން އެ ގުޅަނީ އޭނާގެ ފިރިމީހާކަން އެނގުމުން އަވަހަށް ޖަވާބު ދިނުމަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. "ހެއި ދޫނިގަނޑާ... ދެން އަވަހަށް ގެއަށް އާދެބަލަ... އެއޮއް އިރުއޮއްސެނީ...."

އިރުއޮއްސެމުން ދިޔަ މަންޒަރަށް ފަހު ފަހަރަށް މަންޝާ ފަސް އެނބުރި ބަލާލީ ހިތާ ދެކޮޅަށެވެ. ނަމަވެސް ފިރިމީހާ ގުޅުމުން އިތުރަށް އެތާ ހުންނަން އޭނާ ފަސްޖެހުނެވެ. މަންޝާއަކީ އަބަދުވެސް އޭނާގެ ފިރިމީހާގެ ބަސް އަހާ ކިޔަމަަންތެރި އަންބެކެވެ. ރަސްފަންނުން ބޭރަށް ނުކުމެވެން އޮތް މަގުން ކުރިޔަށް ހިނގައިގަތީ ބަނޑުގައި ފިރުމާލަމުންނެވެ. މަންޝާ ލައިގެން ހުރީ ކަކުލާ ހަމަޔަށް އަންނަ ގަޔަށް ދޫ ޓީޝާޓު ފޮތީގެ އަތްކުރު ހެދުމަކާއި ސްކިނީއެކެވެ.

ފަސް މަހަށްދާ ބަނޑުގައި ފިރުމާލި އިރު މަންޝާގެ މޫނު މަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. " ހޫން... މިހާރު މިދަނީ.... ބައްޕި ގެއަށް ނައިސްގެން ބޭބީ ފޫހިވާތީ ހިނގާލަން ނިކުތީ.... މިދަނީ އިނގޭ..."

ބަނޑުގައިވާ ތުއްތު ދަރިފުޅު ތޮޅިލުމުން އޭނާ ބަނޑުގައި ފިރުމާލީ ހިނިތިުންވެލަމުންނެވެ. ހީވީ މަންޝާ ދެއްކި ވާހަކައިގައި އެ ތުއްތު ކުއްޖާވެސް ބައިވެރިވެލީ ހެންނެވެ.

ގެއާ ދިމާލަށް ދިއުމަށް މަންޝާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ. ތޮށިގަނޑާ ވީ ފަރާތުގައި ހުރެފައި މަގުގެ އަނެއްފަރާތު ދުވާރު މައްޗަށް ދިއުމަށް މަގު ހުރަސް ކުރަން މަސައްކަތް ކުރިއިރު ފޯނުގައި ހުރެ އަޒީމް ދައްކަމުން ދިޔަ ވާހަކަތަކުން މަންޝާއަށް ހެވުނެވެ.

އެ ދަނޑިވަޅުގައި އެ މަގުން ބާރު ދުވެއްޔެއްގައި ދުއްވާފައި ނިކުތް ސައިކަލު ކޮންޓްރޯލުން ނައްޓާލައިގެން ކަހާލިއެވެ. މަންޝާއަށް ލިބުނު ހައިރާންކަމާ އެކީ ދުއްވައިގަންނަންވެސް ނޭނގި އެހުރި ފިޔަވަޅު މަތީ ގަނޑުވެފައި ހުރެވުނީއެވެ. އެސްފިޔަ ޖަހާ ހާ އަވަސް މިނެއްގައި އެ ސައިކަލު އައިސް މަންޝާ ގައިގާ ޖެހި ދިހަ ފޫޓެއްހާ ދުރަށް މަންޝާ ވިއްސައިގެން ދިޔުމަސް ހޭސަވީ މަދު ސިކުންތު ކޮޅެކެވެ. ބިރުން ތެޅިތެޅި އޮތް ހިތާކާ އެކީ މަންޝާ އޭނާގެ ބަނޑުގައި ހިފަހައްޓާލަމުން އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަތެވެ.

"މަންމާ...."

ގުޅަވަރަކަށް މަގު މެދަށް އޭނާގެ ހަށިގަނޑު ވެއްޓި ޖެހުނީ ބަނޑުންނެވެ. މަންޝާގެ އަތުގައިވާ ފޯނު ބިމުގައި ޖެހުނު ގޮތަށް އެ ފޯނުގެ ޑިސްްޕްލޭ ވެސް ކުދި ކުދި ވިއެވެ. ކޮންޓްރޯލެއް ނެތި ދިޔަ ސައިކަލާ އެކު އޭގައި ތިބި ދެމީހުންގޮސް އެރީ ތޮށިގަނޑަށެވެ. ތޮށިގަނޑުގައި ޖެހުމާއި އެކީ ސައިކަލުގެ ފަހަތުގައި ހުރި ޒުވާނާ ބުރައިގެން ދިޔަ ގޮތަށް ތޮށިގަނޑުން ބޭރުގައި އަތުރާފައިވާ ބަޖިޔާ ގާތަކުގެ މައްޗަށް ވެއްޓުނެވެ.

މަގު މަތީގައި ތިބި މީހުންތަކާއި ގޮނޑުދޮށުގައި ތިބި މީހުންތައް އެކްސިޑެންޓް ވީ ދިމާއަށް އެއްވާން ފެށިއެވެ. މަންޝާގެ ހަށިގަނޑަށް ގުޑުމެއް ވެސް ގެންނާކަށް ނުކެރުނެވެ. ބަނޑުގައި ވާ ދަރިފުޅު ކުއްލި ކުއްލިއަށް ތެޅެމުން ދިޔަކަން މަންޝާއަށް އިހްސާސް ވިއެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް އާދަޔާޚިލާފަށް ފިނިވަމުން ދިޔައިރު، ލޯ ކަރުނުން ފުރިގެން ދިޔައެވެ. ބޮލުގެ ބައެއް ފަޅައިގެން ގޮސްފައި ވުމުން މަންޝާގެ ބޮލުން ލޭ ފައިބަމުން ދިޔައެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރު މަންޝާގެ ލޯމަތިން ފުސްވަމުން ދިޔައެވެ. ބިންމައްޗަށް ޖެހުނުލެއް ބާރުކަމުން ކަންފަތް ބަށްވިއެވެ. ކަންފަތަށް ތޫލިއަޑެއް އިވިއިވި ހުރިއިރު އެ ސަރަހައްދަށް އެއްވަމުން ދިޔަ މީހުން ދައްކަަމުން ދިޔަ ވާހަކަތައް ސާފުކޮށް މަންޝާއަކަށް އަޑެއް ނީވެއެވެ. އެ ވަގުތު މަންޝާގެ ހަށިގަނޑާ ގާތްވި އަންހެނަކާއި ފިރިހެނެއް މަންޝާގެ ގައިގައި ފިރުމާލިއެވެ.

އެ ފިރިހެން މީހާ އޭނާގެ އަތުގައިވާ ފޯނުން އަވަހަށް އެމްބިއުލަންސަށް ގުޅާލިއެވެ. އަންހެން މީހާ މަންޝާއަށް ގޮވާލިއެވެ. "ކޮއްކޯ.... ކޮން ނަމެއް ކިޔަނީ؟.... ކާކަށް ގުޅަންވީ؟... އެމްބިއުލަންސް މިހާރު އެބަ އާދޭ... ހިތްވަރުކުރާތި..." މަންޝާއަށް އެ އަންހެންމީހާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނީ ވަރަށް ނުސާފުކޮށެވެ. އެ އަންހެންމީހާ ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ސާފުވާވަރުވީ، އެ އަންހެންމީހާގެ ތުންފަތުގެ ހަރަކާތަށް މަންޝާ ބަލަން އޮތުމުންނެވެ.

ވަރަށް ހިތްވަރުކޮށްފައި މަންޝާގެ ދުލުން ބޭރުކޮށްލެވުނީ އޭނާ ދެކެން ބޭނުންވާ ހަމައެކަނި އިންސާނާގެ ނަމެވެ. "އަޒީމް...އަޒީމް..." އެހިސާބުން މަންޝާގެ ދެލޯ މެރިގެން ދިޔައެވެ. އޭރު މަޑުމަޑުން އިވެމުން ދިޔަ އެމްބިއުލަންސްގެ އަޑު ކަންފަތުގައި ގުގުމަމުން ދިޔައެވެ. ފަހަރެއް ފަހަރެއް އެ އަޑު ދިޔައީ ގަދަވަމުންނެވެ.

*** *** *** *** *** ***

ސޯފާގައި ނިދިފައި އޮތް މަންޝާއަށް ލޯ ހުޅުވާލެވުނީ އޭނާގެ ފިރިމީހާ އަޒީމް، އެނާއަށް ގޮވާތީއެވެ.

"އަޒީމް... މަގޭ ދަރިފުޅު..." ބަނޑުގައި ފިރުމަމުން މަންޝާ ތެދުވީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. މިހުރެވުނީ ގޭގައިކަން އެނގުމުން މަންޝާއަށް އެ ފެނުނީ ބިރުވެރި ހުވަފެނެއްކަން އެނގުނެވެ. ލޯ ހަނިކޮށްގެން ހުރެ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް މަންޝާ ބަލާލިއެވެ. އޭރު ގަޑިން ހައެއް ޖަހަނީއެވެ.

މަންޝާ އަވަސްވެގަތީ އަޒީމްގެ ޔުނީފޯމް އިސްތިރި ކުރާށެވެ. ކޮޓަރިއަށް ވަދެ އަލަމާރިން އަޒީމްގެ ޔުނީފޯމް ނަގައި އިސްތިރިކުރާ ބޯޑު ފަތުރާލުމަށްފަހު އެނާ އިސްތިރިކުރަން ފެށިއެވެ. އަޒީމް ލައިގެން ހުރި ސޯޓާއި ޓީޝާޓް ބޭލުމަށްފަހު އޭރު ފާޚާނާއަށް ވަނީ އަވަހަށް ފެންވަރާށެވެ. މަންޝާއަށް ބިރުވެރި ހުވަފެނެއް ފެނުނީކަން އަޒީމަށް އެނގުނު ނަމަވެސް މިގަޑީގައި އެވާހަކަ ދައްކަން ބޭނުންނުވީ އަޒީމް ޑިއުޓީއަށް ދާން ގަޑި ޖެހޭތީއެވެ.

"މިހެންވެ އަހަރެން މެންދުރުފަހު ކައިގެން ޓީވީ ބަލަން ނޫޅެނީ.... ނިދުނީ ވިއްޔަ.... ދެންވެސް އަވަސްކުރޭ.. އެހެންނޫނީ ގަޑި ޖެހިދާނެ..." އަޒީމްގެ ޔުނީފޯމް އިސްތިރި ކުރުމަށްފަހު ކޮނޑުގައި އަޅުވަމުން މަންޝާ ވާހަކަ ދެއްކީ ފާޚާނާގައި ފެންވަރަން ހުރި އަޒީމާއެވެ.

މަންޝާއާއި އަޒީމަކީ ވެސް އަތޮޅުތެރޭ ދެމީހުންނެވެ. އަޒީމްގެ މަންމަގެ ނުގަބޫލުގައި އޭނަ މަންޝާއާ ކައިވެނިކުރީ މަންޝާ ދެކެ އިންތިހާއަށް ލޯބިވާތީއެވެ. ކައިވެނިކޮށްގެން އެދެމަފިރިން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. ޚަރަދުތައް ބޮޑުވެދާނެތީ މަންޝާ ރަށުގައި މަޑުކުރަން ބޭނުންވި ނަމަވެސް އަޒީމް އެ ގޮތެއް ނޭދެއެވެ. ލޯބިވާ އަނބިމީހާއާ ދުރުގައި ގިނަ ދުވަހު އުޅުމަކީ ބޮޑުވޭނެކެވެ. އެހެން ކަމުން މާލޭގައި އެދެމަފިރިން އުޅެނީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ.

ހަތްހާސް ރުފިޔާ މަހު ކުއްޔަށް ދައްކައިގެން އެދެމަފިރިން އުޅެނީ ވަރަށް އުފަލުގައެވެ. ނަމަވެސް އެ ދެމީހުންގެ ކައިވެންޏަށް ހަތް އަހަރުވީ އިރުވެސް ދިރިއުޅުން ފަޅުފިލުވައިދޭނެ ދަރިއަކު ނުލިބެއެވެ. މިހާރު އެ ދެމަފިރިން ޑޮކްޓަރަށް ދައްކައިގެން އެކަމަށް ބޭސްކުރަމުން ދާތާ ވެސް އަހަރެއްވީއެވެ. ޑޮކްޓަރުން ހެދި ޓެސްޓުތަކުން ދަރިން ލިބުމުގެ މައްސަލަ ހުރީ މަންޝާގެއެވެ.

ފުރާވަރަށް އެޅީއްސުރެ މަންޝާއަކީ ޤަވާއިދުން ޕީރިއަޑްވާ ކުއްޖެއް ނޫނެވެ. އެއީ މާބޮޑު ކަމަކަށް ނުހަދާ ޑޮކްޓަރަށް ނުދައްކާ ހުރެ ފަރުވާކުޑަ ކުރެވުނީތީ މިއަދު އެކަމާ އޭނާ ހިތާމަ ކުރެއެވެ. އެކަމަށް ބޭސްކުރަން ފެށިތާ އަހަރެއް ވީ އިރު، ކޮންމެ މަހަކު ބަނޑުބޮޑުތޯ ޓެސްޓު ހަދާ ސްކޭން ކުރުމުންވެސް ލިބެމުން ދިޔައީ އެއް ޖަވާބެކެވެ.

ކައިވެންޏަށްފަހު މަންޝާ އިތުރަށް ފަލަވެ ގައިގައި މަސްޖަހާ ހުންނަނީ ބިސް ގޮތަކަށެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިހުރިހާ ކަމަކީ ހަށިގަނޑުގެ ހޯމޯންސްތަކަށް އަންނަ ބަދަލުތަކުން ދިމާވާ ކަންކަމެވެ. މަންޝާ ދަރިއަކު ބޭނުމެވެ. މަންޝާއާ އެއް އުމުރެއްގެ ހުރިހާ ރަހްމަތްތެރިންގެ ލޯބިލޯބި ދަރިން ތިބޭ އިރު މަންޝާވެސް އޭނާއަށް މަންމާއޭ ކިޔާފަ ގޮވާލާނެ ތުއްތު ކުއްޖަކު ބޭނުމެވެ.

ކައިވެންޏަށް ހަތް އަހަރުވީ އިރު މަންޝާގެ އުމުރަކީ ފަންސަވީސް އަހަރެވެ. އަޒީމަކީ މަންޝާއަށް ވުރެ ދެ އަހަރު ދޮށީ ޒުވާނެއް ކަމުން އަޒީމް މިހާރު ތއަށް ވީ ހަތާވީސް އަހަރެވެ.

ހުޅުމާލެގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރާ އަޒީމް ޑިއުޓީ އަދާ ކުރާ ގޮތުން، ބައެއް ހަފްތާތަކު ރޭގަނޑު ޑިއުޓީ، އަދި ދަންވަރު ޑިއުޓީވެސް ނަގަން ޖެހެއެވެ. އެއީ މަންޝާ އެންމެ ފޫހިވާ ދުވަސް ތަކެވެ. އަޒީމް ރޭގަނޑު ޑިއުޓީއަށް ދާ ދުވަސްތަކަކީ މަންޝާ އެކަނިމާ އެކަނި ގޭގައި އިންނަން ޖެހޭ ދުވަސްތަކެވެ.

ފާޚާނާއިން ނިކުމެ މަންޝާ ގައިގައި އަޒީމް ބައްދާލިއެވެ. "ހޫންން.. ދެން މީ ކޮން ގަޑިއެއް...." މަންޝާގެ އުނަގަނޑުގައި ވަށާލާފައިވާ އަޒީމްގެ އަތް ނައްޓާލުމަށްފަހު ފާޚާނާއަށް އޭނާ ވަންނަން އަވަސްވެގަތެވެ.

ފާހާނާ އިން މަންޝާ ނިކުމެ އަލަމާރީން ނެގި އަތް ދިގު ގަމީހަކާއި ސްކިނީއެއް އޭނާ މަހާލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު މޫނުގައި ފުށްކޮޅެއް ޖަހާލައި، ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާލިއެވެ. ބުޑުމަތި ނިވާވާ ވަރުގެ ދިގު ގަމީސް ރީތިކޮށްލަމުން ލޯގަނޑު ކުރިމަތީ ހުރެ ދެފަރާތަށް އެނބުރެމުން ބަނޑުގައި އަތްހާކާލީ މިއަދުގެ ނަތީޖާއަށް ވާނެ ގޮތަކާމެދު ވިސްނަމުންނެވެ.

އެވަގުތު އަޒީމް ޔުނީފޯމް ލައިގެން އައިސް މަންޝާގެ ފަހަތުގައި ހުއްޓެމުންް ފުން ނަޒަރަކުން މަންޝާއަށް ބަލާލިއެވެ. މަންޝާގެ ފަހަތުން އައިސް ބައްދާލަމުން ބަނޑުގައި ފިރުމާލިއެވެ. އަނބިމީހާގެ ކޯތާފަތަށް ބޮސްދެމުން ކަންފަތް ދޮށުގައި އަޒީމް ބުނެލިއެވެ. "ލެޓްސް ހޯޕް ފޯރ ދަ ބެސްޓް..."

މަންޝާގެ ލޮލުން ފާޅުވަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އޭނާ އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާ އެކީ އެ އެޕާޓްމަންޓުން ބޭރަށް ނިކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ.

އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއަްވާފައި ދިޔައިރު ފިހާރަތައް ވަނީ ބަންދުކޮށްފައެވެ. ދެނަމާދު ދޭތެރެ ކަމުން އެއްވެސް ފިހާރައެއް ހުޅުވާފައި ނެތެވެ. އައި.ޖީއެމް.އެޗް ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލާފައި މަންޝާ އަތަށް އަޒީމްގެ ވޮލެޓުން ނެގި އެއްހާސް ރުފިޔާގެ ނޫޓު ދިއްކޮށްލަމުން ބުނެލިއެވެ.

"7:30 ގަ ރިޕޯޓް ދޫކުރަނީ... ސްލިޕްކޮޅު ގެނައިންދޯ...."

(ނުނިމޭ)