އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދަތިކަމަށާއި ކުޑަ އިންޓަރެސްޓުގައި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި އިޖްތިމާއީ އިގްތިސާދީ ހަމަހަމަކަމުގެ މައްޗަށް ކުރިޔަށްގެންދިޔަ އދ.ގެ މަތީ ފަންތީގެ ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ އިގްތިސާދުތަކަށް ކުރިމަތިވެފައިވާ ބޭރުގެ ލޮޅުންތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ނާޒުކުކަން ކުރިމަތިވާ ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ނުލިބޭކަމަށެވެ. ފައިސަލް ވިދާޅުވީ ރާއްޖެވެސް ހިމެނޭހެން ބައެއް އެހެން ކުދި ގައުމުތަކުން ލޯނުތައް ނަގާއިރު ދަރަނީގެ މިންވަރު މަތިވެ، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވާކަމަށާއި މިކަމުގެ ސަބަބުން އިގްތިސާދު ނާޒުކު ހާލަތަށް ވެއްޓި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައް ގިނަކަމަށެވެ.

އިގުތިސާދީ ކުރިއެރުން ހާސިލްކުރުމަށްޓަކައި އިންވެސްޓްމަންޓްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފައިސަލް ވިދާޅުވީ ކުދި ގައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުންކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ރިސެޝަން ނުވަތަ ބޭރުގެ ލޮޅުންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ބޮޑު އަގެއްގައި ނަގާ ބޭރުގެ ދަރަނިތަކަކީ ދެމެހެއްޓެނިވި ދަރަނިތަކެއް ނޫންކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، ކުރިމަތިވެފައިވާ މާލީ ހުރަސްތައް ހައްލުކުރުމުގެ މަގުސަދުގައި ރާއްޖެއިން ވަކާލާތު ކުރަނީ މާލީ ދަތިކަން ކުރިމަތިވާ ގައުމުތަކަށް އެހީތެރިކަން އިތުރުކުރުމާއެކު ދަރަނި ކުޑަ އިންޓްރަސްޓެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުންކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.