ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެކަމާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނީ ލ. މާވަށް ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި ސޭން ސާޗް ސަރްވޭ ހެދުން ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއުކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ދާދިފަހުން ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީމާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާ ކަމަށާއި 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫތައް ޖުލައި މަހު ފަށާނެ ކަމަށެވެ.

މީގެ އިތުރުން މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ.