ހދ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލައި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ދާއުދުގެ ކެމްޕެއިން ޖަގަހައިގައި ރޯވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް/ޕީއެންސީ ގެ ޖަގަހައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަަބަބެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އަލިފާން ރޯވީ ކަމެއް ނުވަތަ ބަޔަކު ގަސްތުގައި ރޯ ކޮށްލީކަމެއްވެސް ސާފެއް ނުވެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ ޖަގަހަ

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ކުރަނީ މުހައްމަދު ދާއޫދުއެވެ. މިއީ ފުރަތަމަ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާދަ ކުރައްވަން ނިންމެވި ދާއިރާއެވެ. ނަމަވެސް ނަރީޝް ފަހުން ވަނީ ގއ. ކޮލަމާފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާ ކެމްޕެއިން ފަށްޓަވާފައެވެ.

މި މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބަށް ވަގުތު ކުޑަތަންވެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އިންތިހާބާއި ގުޅުވާ ރިޝްވަތުގެ މައްސަލަތަކުގެ އިތުެުން ތާއީދު ކުރާ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރަމުންދާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.