ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އައިސް ބޯމަތިބެފައި ވާއިރު ދާއިރާތަކަށް ކެންޑިޑޭޓުންތަކެއް ވާދަ ކުރާކަން އެނގުން ފިޔަވައި އެ ދާއިރާގެ ރައްޔިތުންނަށް އިތުރު އެއްޗެއް ނޭނގޭ ކެންޑިޑޭޓުންވެސް މަދެއް ނޫނެވެ. އެފަދަ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހެއްގައި ދާއިރާގެ ރައްޔިތުން ތަމްސީލު ކުރެވޭނީ ކިހާ މިންވަރަކަށް ބާއޭ ހިތަށް ނާރާހެއްޔެވެ. އެހެންނަމަވެސް އެއާ އިދިކޮޅަށް ބައެއް ކެންޑިޑޭޓުންނަކީ ދާއިރާގެ ރައްޔިތުންނަށް ފަރިތަ، މީގެ ކުރިންވެސް ގާތުން މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިންނެވެ.

އެގޮތުން ފާހަގަކުރެވޭ އެއް ކެންޑިޑޭޓަކީ ލ. ގަމާއި މުންޑޫ ތަމްސީލު ކުރައްވަން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދު (ޔޫތު) އެވެ. ޔޫތުގެ ނަން ބުނެފިނަމަ އެ ދާއިރާގައި ކޮންމެ ރައްޔިތަކަށްވެސް އެއީ ކާކުކަން އެންމެ ފުރިހަމައަށް އެނގޭނެއެވެ. އިންތިހާބަށް ޔޫތު ވާދަކުރައްވަމުން ގެންދަވާއިރު އޭނާގެ ދާއިރާއިން ބޭރު މީހުންވެސް ދައްކަނީ ހޮސްޕިޓަލް ފަދަ ތަންތަނުން ޔޫތުއާ ދިމާވެ ލިބިފައިވާ އެހީތަކުގެ ވާހަކަތަކާއި އިހުލާސްތެރިކަމުގެ ވާހަކަތަކެވެ.

ލ. ގަމު ތުނޑީ އަވަށު މަދަރުސާއިންނާއި ފޮނަދޫގައި ހުންނަ ލ އަތޮޅު ތައުލީމީ މަރުކަޒާއި ގަމުގެ ހަމަދު ސްކޫލުން މަދަރުސީ ހަޔާތް ނިންމާލެއްވި ޔޫތު އޯލެވެލް އިމްތިހާނުގެ އެންމެ ފަހު ޓެސްޓު ނިންމާލެއްވުމަށް ފަހު އެ ދުވަހު ވެސް ނިކުންނެވީ ވަޒީފާގެ މައިދާނަށެވެ. ޒޯން ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ވަޒީފާގެ މައިދާނަށް ނިކުމެވަޑައިގެން ޔޫތު މާލެ ވަޑައިގެން ދެން މަސައްކަތް ކުރެއްވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

އެތަނުގައި ވަޒީފާގައި އުޅުއްވުމަށްފަހު ވަޒީފާ މެދުކަނޑާލައްވާ ފެއްޓެވީ އިތުރަށް ކިޔެވުމަށެވެ. ބޭރުގެ ގިނަ ބަސްތަކެއް ދަންނަ ފްރާންސް ބަހަށް ފަރިތަ ޔޫތު ވަނީ ފުޑް އެންޑް ބެވަރޭޖް އިން ތައުލީމް ހާސިލު ކުރައްވާފައެވެ. އެއަށް ފަހު ސަން ސިޔާމްގެ އޮޅުވެލި އައިލެންޑް އެންޑް ސްޕާ ރިސޯޓަށް ވަޑައިގަތެވެ.

ރިސޯޓު ސިނާއަތަށް މަންމަ ނުގަބޫލު ވެގެން އެކަމަށް އިހުތިރާމުކޮށް ޔޫތު ރަށަށް ވަޑައިގެން މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރެއްވުމަށް ފަހު 2004 ވަނަ އަހަރު ގުޅިވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށެވެ. އެއަށްފަހު 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޔޫތު އުޅުއްވީ ސިފައިންގޭގައި ގައުމަށް ހިދުމަތް ކުރެއްވުމުގައެވެ.

15 އަހަރުގެ އެ ހިދުމަތުގެ ތެރެއިން ޔޫތުގެ ތައުލީމަށްވެސް ވަނީ ބޮޅުތަކެއް އިތުރުވެފައެވެ. ބޭރުގެ ބައެއް އަސްކަރިއްޔާތަކުން ހިންގި އެކި އެކި ޓްރައިނިންތައްވެސް ފުރިހަމަ ކުރެއްވި ޔޫތު ސިފައިންގޭގައި މަސައްކަތް ކުރެއްވީ ސާޗް އެންޑް ރެސްކިއުގައެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ޔޫތުއަކީ ސިފައިންގޭގައިވެސް ނަމޫނާއެކެވެ. އެ ދުވަސްވަރު ހާލުގައި ޖެހުނު އެތައް ބަޔަކު ސަލާމަތް ކޮށްދިނުމުގައި ހަރަކާތްތެރި ވެވަޑައިގަތެވެ. އެތައް ޒަހަމެއްވެ، ރެޔާއި ދުވާލު އަތްވާއި ވިއްސާރައަށް ބެއްލެވުމެއް ނެތި އަމިއްލަ ފުރާނަ އަތްމައްޗަށް ލައްވައިގެން ގިނަ ހިދުމަތްތަކެއް ކޮށްދެއްވިއެވެ. އެކަމާ ގުޅިގެން ޗީފް އޮފް ސްޓާފް ސޮއިކުރައްވާ ހަނދާނީ ލިޔުމެއް ޔޫތުއަށް ވަނީ ލިބިވަޑައިގެންފައެވެ.

15 އަހަރުގެ ވަޒީފާ ދޫކޮށްލަން އަމިއްލަ ނަފްސަށް ވެސް މަޖުބޫރުވީ، ސަބަބަކީ މީ!

ވަޒީފާއަކަށްވުރެ ބޮޑަށް ގައުމީ މަސައްކަތެއްގެ ގޮތުގައި ޔޫތު އަދާކުރައްވަމުން ގެންދެވި ވަޒީފާ ދޫކޮށްލައްވައި ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމަށް ނިންމވި ނިންމެވުމަކީ އުނދަގޫ ނިންމުމަކަށް ވާނެއެވެ. 2018 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އަށް އައްޔަން ކުރެއްވި މިނިސްޓަރު އުސްތާޒާ މާރިޔާ ދީދީ، ސިފައިންނަކީ ފިނޑި ފިނދަނަތަކެއް ކަމަށާއި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ އައި އިރު ސިފައިން ތިބީ ފިލާ ކަމަށް ވާހަކަ ދައްކަވާފައި ވުމާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މައްޗަށް ކޮޅަށް އެރުން ފާހަގަކުރައްވާ ޔޫތު ވިދާޅުވީ އެ ފަދަ ބޭފުޅަކު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން ހިތްހަމަ ނުޖެހުނަސް އޭނާ ބަދަލުކުރަން މަސައްކަތް ކުރުމަށް ވުރެ ހިތަށް ފަސޭހަ ވާނީ ވަޒީފާ ދޫކޮށްލުން ކަމަށް ވިސްނި، ވަޒީފާ ދޫކޮށްލީ ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތުން ކޮންމެވެސް ސިފައެއްގައި ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރަން ޔޫތު ނިންމެވިއެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ސިފައިންގޭގައި އުޅުއްވި ދުވަސްވަރުވެސް ޔޫތުއަށް ފާހަގަ ކުރެއްވުނު ކަމަކީ އެމްޑީޕީއަކީ ދިވެހި ގައުމުގެ އާދަކާދައާއި ސަގާފަތާ ދުރު ވިސްނުމެއް ގެންގުޅޭ ޕާޓީއެއްގެ ގޮތުގައެވެ. އެ ޕާޓީގެ ލީޑަރުންވެސް ދިވެހިންނާ ބީރައްޓެހި ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި ސިފައިންގެއިންވެސް ނިކުތީ އެމްޑީޕީގެ ވެރިކަމެއްގައި އައްޔަން ކުރި މިނިސްޓަރު ކަމު ނުގޮސްގެން ކަމަށް ޔޫތު ވިދާޅުވިއެވެ. ޕީއެންސީގެ ފިކުރު ޔޫތު ހިޔާރުކުރި ސަބަބަކީ އެއީއެވެ.

އެ ފިކުރުގައި ޔޫތު ދެމިހުންނަވާނެއެވެ. ޔޫތު އެ ފިކުރެއް އަދި ޕާޓީއެއްވެސް ބަދަލެއް ނުކުރާނެއެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ އެންމެހާ ރައްޔިތުންނަށް އޭނާ ދެއްވައެވެ. ޔޫތު ގަބޫލުކުރައްވާ ގޮތުގައި ޕާޓީ ބަދަލުކޮށްގެން ލިބޭނެ ފައިދާއެއް އަދި މޮޅެއްވެސް ނޯންނާނެއެވެ. ޔޫތު ވިދާޅުވީ ޕީއެންސީއާ ދުރަށް ވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޕާޓީއެއް ބަދަލެއް ނުކުރާނަން. ޕީއެންސީ ދޫކޮށްލާފަ ދާނެ އެއްވެސް ގޮތެއް ނޯންނާނެ"
ޔޫތު

ޔޫތުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާއިރު އުންމީދު ބޮޑެވެ. ކެމްޕެއިނަށް ސަރުކާރާއި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ލިބޭއިރު ރިޔާސީ އިންތިހާބުގެ ނަތީޖާއިންވެސް ޔޫތުއަށް ގަމު ދާއިރާގެ ގޮނޑި ލިބޭނެ ކަމުގެ އުންމީދު ވަރަށްވެސް ބޮޑެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް
"އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މި މަސައްކަތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ވާނެ"
ޔޫތު

ރައްޔިތުންގެ ކަންބޮޑުވުމަކީ މެންބަރުންނާ ބައްދަލުނުވުން، ޔޫތު ފެނިގެންދާނީ ތަފާތު ގޮތަކަށް

ކެމްޕެއިނުގައި ގިނަ އޮޅިތައް ގިރާކޮށް ގިނަ ރައްޔިތުން ކައިރިއަށް ވަޑައިގެން ޔޫތު ވަނީ ވާހަކަ ދައްކަވާފައެވެ. ގިނަ ފޯނު ކޯލުތަކުން ދާއިރާގެ ރައްޔިތުންނާ ބައްދަލުވެފައި ވާއިރު މައިގަނޑު ދެ ޝަކުވާއެއް ކުރިމަތި ވެއެވެ. ރާއްޖޭގެ ތަރައްގީގެ ސަފުން އެ ދާއިރާ ބާކީ ވަމުންދާ ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ވެރިކަމުގައި ތަރައްގީ މަޑުޖެހިގެންދާ ކަމުގެ ޝަކުވާ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ކަމަށް ޔޫތު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުން ފަސް އަހަރުގެ ދައުރު ނިމޭއިރު ދެތިން ފަހަރުވެސް ދާއިރާއަށް ޒިޔާރަތް ނުކުރާ ކަމުގެ ޝަކުވާވެސް ދާއިރާގެ ރައްޔިތުންގެ ފަރާތުން ޔޫތުއަށް ލިބިވަޑައިގެންފައި ވާއިރު ބައްދަލުނުވާ ވާހަކައާއި ފޯނަށް ޖަވާބު ނުދޭ ކަމުގެ ޝަކުވާ އެ ރައްޔިތުން ކުރެއެވެ.

އެކަންކަން ހައްލުކޮށްދިނުމަށް ޔޫތުގެ އެއްވެސް ފަސްޖެހުމެއް ނެތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ލ އަތޮޅާމެދު ގެންގުޅުއްވާ ތަސައްވުރާއި އެމަނިކުފާނުގެ މެނިފެސްޓޯއާއެކު ލ އަތޮޅަށް ތަރައްގީގައި ކުރިއެރުންތަކެއް ގެނެވޭނެ ކަމަށް ޔޫތު ގަބޫލު ކުރައްވައެވެ. އެގޮތުން ފެންވަރު ރަނގަޅު ހޮސްޕިޓަލަކާއި އައްސޭރި ޓޫރިޒަމާއި ހައުސިން ޔުނިޓްތަކާއި ޓްރާންސިޕްމަންޓް ބަންދަރު ޔޫތު ފާހަގަ ކުރެއްވިއެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ޔޫތު ހުންނެވީ އެކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި ރެއާއި ދުވާލު ސަރުކާރަށް އެއްބާލުން ދެއްވައިގެން މަސައްކަތް ކުރައްވަން ތައްޔާރަށެވެ.

މެންބަރުންނާ ނުގުޅޭ ޝަކުވާ ހައްލުކުރުމަށް ކޮންމެ ރަށެއްގައި ކޯޑިނޭޓް ކުރެވޭނެ ކޯޑިނޭޓަރެއް ގާއިމުކޮށް ކޮންމެ ރަށެއްގައިވެސް އޮފީހެއް ހެދުމަކީ ޔޫތުގެ ތަސައްވުރެކެވެ.

ރާއްޖޭގެ ހުރިހާ ކޮޅަކަށް ނަޒަރު ހިންގާލާއިރު ގާނޫނުތަކަށް އިސްލާހުގެންނަން ޖެހޭ ކަން އޭނާ ގަބޫލު ކުރައްވައެވެ. ރާއްޖެއަށް ދިމާވެފައިވާ ވަޒީފާއާއި ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މައްސަލަތައް ހަމަ މަގަށް އެޅުވުމަށްވެސް ގާނޫނުތަކަށް އިސްލާހުތަކެއް ބޭނުންވެއެވެ. އެއިން ކޮންމެ އިސްލާހެއްގައި ޔޫތުގެ ދައުރު ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޔޫތުއަކީ އެންމެންނާ ގުޅޭ، އޭރުވެސް މިހާރުވެސް އެހީތެރިޔާ

ގަމު ދާއިރާ ތަމްސީލުކުރަން ޔޫތު ހޮވަން ޖެހޭ ސަބަބު ވަރަށް ސާފެވެ. ޔޫތުއަކީ މީގެ ކުރިންވެސް ދާއިރާގެ ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަމިއްލަ ކަމެއްގެ ގޮތުގައި ފަރުދީ ހައިސިއްޔަތުން ބަލި މީހުންނަށް އާސަންދަ އާއި އެންސްޕާގެ އެހީ ހޯދުމަށްޓަކައި މަސައްކަތް ކޮށްދެއްވި ބޭފުޅެކެވެ. އެނގުނަސް ނޭނގުނަސް، ދަތަސް ނުދަތަސް ކޮންމެ މީހަކަށްވެސް އޭރުވެސް މިހާރުވެސް އެހީވާ ބޭފުޅެކެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ޔޫތުއަކީ ސިފައިންގޭގައި އުޅުއްވި ދުވަސްވަރުވެސް އާންމު ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ހޯއްދަވައިދެއްވުމަށް ގިނަ އޮޅި ގިރާކުރެއްވި ހިތްތިރި އިހުލާސްތެރިއެކެވެ. ދާއިރާއަށް ހޮވާ މެންބަރުންނަށް މިފަދަ ކަންކަމުގައި ގުޅައިގެން ނުވާ މަންޒަރު މީގެ ކުރިން ވަނީ ފެނިފައެވެ. ގުޅީމާ ފޯނު ނުނަގައި އެހީގެ އަތެއް ދިއްކޮށްނުލާ މެންބަރުން ގިނަޔަސް ޔޫތު އަކީ އެފަދަ މެންބަރަކަށް ނުވާނެކަން ފަރުދީ ޒިންމާއެއްގެ ގޮތުގައި އޭނާ ދެއްކި ނަމޫނާއިން އެ ދާއިރާގެ ރައްޔިތުންނަށްވެސް އެނގެއެވެ.

ޔޫތު އަކީ މަޖިލީހުގައި ދުންމާރި ފުމެ، ޖެއްސުން ކުރާނެ މެންބަރަކަށް ނުވާނެއެވެ. އެހެންކަމުން ޔޫތު ވަނީ އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ތަރައްގީ ހޯދުމަށްޓަކައި އޭނާއަށް ވޯޓު ދިނުމަށް އެދިވަޑައިގެފައެވެ. ޔޫތުއަށް ދޭ ވޯޓު ބޭކާރެއް ނުވާނެއެވެ. ވަކި ފިކުރެއް، ވަކި ރައްޔިތެއް އޭނާއަށް ތަފާތެއް ނުވާނެއެވެ.

ގަމު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) ގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް
"ހުރިހާ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެނީ ތަރައްގީ ހޯދުމަށް އަޅުގަނޑަށް ވޯޓު ދިނުމަށް."
ޔޫތު

ޔޫތުއަކީ ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ހައްދަވައިގެން އުޅުއްވި ސިފައިންގެ ބޭފުޅާއެވެ. މިއަދު ޔޫތު ނިކުމެ ހުންނެވީ ގަމު ދާއިރާގެ ރައްޔިތުންގެ ހައްގުގައި މޭ އައްޑަނައަކަށް ނެރުއްވައިގެންނެވެ. ދާއިރާ ކޮންމެ ރައްޔިތެއްގެ ހައްގުގައި ވެވަޑަިއގަންނަވަން ޖެހިވަޑައިގެންނެވި ކޮންމެ ގުރުބާނީއެއް ޔޫތު ވާނެއެވެ. ރެއާއި ދުވާލު ނުނިދާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ޖެހުނަސް ކުރައްވާނީ ޔޫތެވެ. ޔޫތުއަކީ ޒުވާނުންގެ މިތުރެވެ. އިސްރަށްވެހިންގެ ހާލުބައްލަވާނެ އިހުލާސްތެރިއެކެވެ. ކުޑަކުދިންނާ ގުޅޭ، ދާއިރާއެއް އަތޮޅެއް ތަފާތު ނުކޮށް އެހީތެރިވެދޭނެެ އެހީތެރިޔާއެވެ. ގަމު ދާއިރާގެ އުޖާލާ މުސްތަގުބަލެއް، ފެހި ފާހަގަތި ދުވަސްތަކެއް ހޯދުމަށް ޔޫތު ނޫން އެހެން ގޮތެއް ނެތެވެ.